142 ގްރާމުގެ މަސްތުވާތަކެތި އަންދާލައިފި

ތަފާތު މައްސަލަތަކުގައި އަތުލައިގަނެފައިވާ 142 ގްރާމުގެ މަސްތުވާތަކެއްޗާއި ކޮންޓްރޯލް ޑްރަގުގެ ގޮތުގައި ބަލާ ބޭހުގެ ތެރެއިން 130 ގުޅަ ކ. ދޫނިދޫގައި މިއަދު އަންދާލައިފި އެވެ.
މިއަދު އަންދާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2004 ވަނަ އަހަރުގެ ފަސް މައްސަލައެއްގައި ހިމެނޭ 5.9 ގްރާމް ހެރޮއިންނާއި އެ އަހަރުގެ އެހެން މައްސަލައެއްގައި ހިމެނޭ 1.8 ގްރާމް ކެނަބިސް އާއި މިދިޔަ އަހަރުގެ ހަތަރު މައްސަލައެއްގައި ހިމެނޭ 2.6 ގްރާމުގެ ހެރޮއިންނާއި މި އަހަރުގެ 30 މައްސަލައެއްގައި ހިމެނޭ 132 ގްރާމުގެ ހެރޮއިންނާއި އެހެން މައްސަލައެއްގައި ހިމެނޭ 1.54 ގްރާމް ކެނަބިސް ކަމަށް މަސްތުވާތަކެތި ނައްތާލުމާ ބެހޭ ކޮމެޓީގެ ވައިސް ޗެއާމަން އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޗީފް އިނިސްޕެކްޓަރު އިބްރާހީމް ހަލީލު މިއަދު ވިދާޅުވި އެވެ.
ނޫސްވެރިންގެ ހާޒިރުގައި މަސްތުވާތަކެތި އަންދާލުމަށް ޓަކައި ތާނގިފަޅި އަށް އެޅި މަސްތުވާތަކެއްޗާ އެކު، މަސްތުވާތަކެތި ބޭނުން ކުރުމަށް ޓަކައި ބޭނުންކޮށްފައިވާ ބައެއް ސާމާނު ވެސް ހިމެނެ އެވެ.
ހަލީލު ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް 268 މައްސަލައެއްގައި ހިމެނޭ 2.18 ކިލޯގެ ހެރޮއިން އަންދާލާފައިވާ ކަމަށެވެ. އަދި 48 ގްރާމުގެ ކެނަބިސް އަންދާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުން ގޮސް އެކަމުގައި ހައްޔަރުކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.
މި ރަށުގައި މިއަދު އެތަކެތި އަންދާލުމަށް ފަހު އަނދާފައިވާ ތަކެތީގެ އަޅިތައް ވަޅަކަށް އަޅައިގެން ނައްތާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ