ރާއްޖޭގެ ކޮންސެޕްޓަށް ދުބާއީގައި 300 ރިސޯޓު ތަރައްގީ ކުރަން ފަށައިފި

ދުބާއީގައި ހިއްކައިގެން ހަދާފައިވާ "ދަ ވޯލްޑް"ގެ ނަން ދީފައިވާ 300 ރަށުގައި ޓޫރިޒަމް ފުޅާވެގެން ދާއިރު އެތަން ވެގެން ދާނީ "ދުބާއީގެ ދިވެހިރާއްޖެ" އަށް ކަމަށް ދަ ވޯލްޑުގެ ޑިރެކްޓަރު ވިދާޅުވެއްޖެ އެވެ.
ހިއްކައިގެން ހަދާފައިވާ ރަށްތަކުގައި ޓޫރިޒަމް ތަރައްގީކުރަމުން ދާއިރު އެ ރަށްތައް ދުބާއީގެ މައި ރަށާ ގުޅާލުމަށް ލޮޖިސްޓިކް ބަނދަރަކާއި ޕާކެއް ހަދަން ނިންމިކަން ހާމަކުރައްވަމުން ދަ ވޯލްޑްގެ ޑިރެކްޓަރު ހަމްޒާ މުސްތަފާ ވިދާޅުވެފައި ވަނީ އަލަށް ހަދާ ބަނދަރުގެ ދެ ފަރާތުގައި 1.3 ކިލޯ މީޓަރުގެ ތޮއްޓެއް ލާނެ ކަމަށެވެ. މި ބަނދަރުގައި ކޮންމެ ދުވަހަކު 60 ފެރީ އަށް ހުރިހާ ހިދުމަތްތަކެއް ދެވޭނެ ކަމަށާއި މީގެ އިތުރުން ބޮޑެތި ބޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމުކުރާނެ ކަމަށް މުސްތަފާ ވިދާޅުވެފައިވެ އެވެ. އަދި ބަނދަރުގެ ފެރީގެ ހިދުމަތް ދުބާއީގެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމާ ގުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.
"މިއީ ދުބާއީގެ ދިވެހިރާއްޖެ. މިތަން ހެދުމުން ސިޓީ އާއި ރަށްތަކާ ދެމެދު އޮންނާނީ 20 މިނެޓްގެ ރާސްތާއެއް. ދިވެހިރާއްޖެ އަށް ގޮސްފި ނަމަ ސިޓީ އޮންނާނީ މިއަށް ވުރެ މާ ދުރުގައި،" ހިއްކާފާއިވާ ރަށްތަކުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމިއްލަ ފެރީގެ ހިދުމަތް ވެސް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވެފައިވެ އެވެ.
ދުނިޔޭގެ ޗާޓު ސިފަވާ ގޮތަށް ހަދާފައިވާ ރަށްތަކުގެ ޑިރެކްޓަރު ގަލްފު ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ހަދާ ޕާކު ހިމެނޭ ސަރަހައްދުގެ ބޮޑުމިނުގައި 103 ހެކްޓަރު ހުންނާނެ ކަމަށެވެ. މި ޕާކުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، އެއްފަހަރާ 4،000 ކާރު ޕާކު ކުރާނެ ޖާގަ އޮންނާނެ ކަމަށްވެ އެވެ. އަދި ފަހުން ޖާގަ އިތުރުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"ޕާކު ހަދަމުން ގެންދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން. ޑިމާންޑަށް ބަލައިގެން ޕާކު ބޮޑުކުރަމުން ގެންދާނަން،" މުސްތަފާ ވިދާޅުވެފައިވެ އެވެ.
މުސްތަފާއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި އަލަށް ހަދާ ބަނދަރުގައި ބޮޑެތި ގުދަންތަކާއި ބިންތައް ގަނެވޭ ގޮތަށް ވެސް ހަމަޖައްސާނެ އެވެ.
ދުބާއީގައި ހިއްކައިގެން ހަދާފައިވާ 300 ރަށުގެ ތެރެއިން ގިނަ ރަށްތައް މިހާރު ވަނީ އެކި ފަރާތްތަކުން ގަނެފަ އެވެ. އަދި މި ރަށްތައް ގިނައިން ގަނެފައި ވަނީ ވިޔަފާރީގެ މަޝްރޫއުތަކަށެވެ. އެ ރަށްތަކުގައި ޓޫރިޒަމް ހިނގައިގަތުމުން 000` 5 އަށް ވުރެ ގިނަ ޓޫރިސްޓު ހޮޓާ ހުންނާނެ އެވެ.
ދުބާއީގައި ރަށްތައް ހިއްކައިގެން ހަދަން ފެށުމުގެ ކުރިން، ދުބާއީގެ އިސް ބައެއް އޮފިޝަލުން ރާއްޖެ ވަޑައިގެން، ހުޅުމާލެ މަޝްރޫއު ކުރިއަށްދާ ގޮތް ބެއްލެވި ކަމަށް މުއުތަބަރު ފަރާތަކުން ހަވީރަށް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. ދުބާއީގައި ހިއްކައިގެން ރަށްތައް ތަރައްގީކުރަން ފަށާފައި ވަނީ 2002 ވަނަ އަހަރުގެ މޭ މަހުގަ އެވެ. ހުޅުމާލޭގެ މަޝްރޫއު ފަށާފައި ވަނީ 16 އޮކްޓޫބަރު 1997ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ