މި ސަރުކާރުގެ ފަސް އަހަރު ބަޖެޓް ޑެފިސިޓް 20 ބިލިއަނަށް ވުރެ މަތިވާނެ: ޔާމީން

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓް 20 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގެ އެންމެ ފަހު ފަސް އަހަރު ޖުމްލަ ބަޖެޓް ޑެފިސިޓްގެ އަދަދަކީ ފަސް ބިލިއަން ރުފިޔާ ކަމަށެވެ.
"އޭގެ ހަތަރު ގުނަ މި ފަސް އަހަރު ސަރުކާރު ނިމިގެންދާއިރު ބަޖެޓް ޑެފިސިޓް އަންނާނެ. ބަޖެޓް ޑެފިސިޓްވެއްޖެ ކަމަށް ވަނީނަމަ ޑެފިސިޓް ފޫބެއްދުމަށްޓަކައި ލޯން މި ނަގަނީ. ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް މި ނަގަނީ ދެ ބިލިއަނާއި ހަތަރު ބިލިއަނުގެ ލޯން އެބަ ނަގާ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ޔާމީން ވިދާޅުވި އެވެ. "ދެ ހާސް ބާރަ ވަނަ އަހަރަށް އެކަނި ދައުލަތުން ނަގަން މި އޮތީ ހުށަހަޅާފައި 4.7 ބިލިއަން ރުފިޔާ."
ޔާމީން ވިދާޅުވީ ލޯން ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު މައްސަލައަކީ ކުރިން ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދައްކަން ލޯނުތައް ނަގަމުންދާތީ ކަމަށެވެ. އެ ގޮތުން އޭނާ ވިދާޅުވީ އަންނަ އަހަރު ދައުލަތަށް ނަގާ 4.7 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 70 ޕަސެންޓް ހަރަދުކުރަނީ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށެވެ.
"މިއީ ބަޖެޓް ހިސާބުތަކުން ފެންނަން އޮތް ހަގީގަތެއް. ދެ ހާސް ބާރަ ވަނަ އަހަރު ނަގާ ބޭރުގެ ލޯނުގެ ޖުމްލަ އަދަދު އުޅެނީ ހަތަރު ބިލިއަނުގައި. އަދި ދައުލަތުން ޓްރެޝަރީ ބިލް ވިއްކައިގެން ޖުމްލަ 4.7 ބިލިއަން ރުފިޔާ އެބަ އަރާ،" ޔާމީން ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ބޭރު ލޯނު ނަގާފައިވާ މިންވަރު ދަށްކަމަށް ވަކާލާތުކުރައްވައި އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ލޯނު އަދާކުރުމަށް ދައްކާފައިވަނީ 389 މިލިއަން ރުފިޔާ ކަމަށެވެ.
"ދެ ހާސް ދިހަ ވަނަ އަހަރު މި ސަރުކާރުން 589 މިލިއަން ރުފިޔާ، 2011 ވަނަ އަހަރު މި ސަރުކާރުން 940 މިލިއަން ރުފިޔާ، 2012 ވަނަ އަހަރު މި ސަރުކާރުން 1،100 މިލިއަން ރުފިޔާ. އެހެންވީމަ ލޯން ނަގާފައި މި ވަނީ ކުރީގެ ސަރުކާރަކުންނެއް ނޫން. ލޯން ނަގަމުން މި ދަނީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި މި ސަރުކާރުން. މި ސަރުކާރުގެ ހިސާބު ފޮތުން އަޅުގަނޑު ދަންނަވާ މައުލޫމާތު މިއީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތަށް ނަގާ ލޯންތައް އަނބުރާ ދެއްކުމުގެ ހަކަތަ ވެސް ސަރުކާރުގައި ނެތް ކަމަށެވެ. އަދި ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ލޯން ނެގުމަކީ އިގުތިސާދަށް އޮތް ގެއްލުމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ނަގާ ލޯނުގެ ތެރޭގައި ޑޮމެސްޓިކް ފައިނޭންސް އިން ޓީބިލަށް އެކަނި ބަލާ ކަމަށްވަންޏާ ގާތްގަނޑަކަށް ކޮމާޝަލް އިންޓަރެސްޓްގައި މި ނަގަނީ. ހަ ޕަސެންޓް އިންޓަރެސްޓްގައި ޓީ ބިލް ނަގަނީ. މި ނަގައިގެން ހަރަދު މި ކުރެވެނީ ރިކަރަންޓް ހަރަދަށް. މިއީކީ ކެޕިޓަލް އުފައްދާކަށް ނޫނީ ކެޕިޓަލް ފޯމޭޝަނަށް ކުރާ ހަރަދެއް ނޫން. ހަ ޕަސެންޓް އިންޓަރެސްޓްގައި ލޯން ނަގައިގެން މި ކުރާ ކަމަކީ ރިކަރެންޓް ހަރަދަށް ބޭނުންވާ ފައިސާ ހޯދުން. އެހެންވީމަ މި އޮތް ބޮޑު އިގުތިސާދީ ބަޖެޓަކު އެއްގޮތަކަށް ވެސް ދައުލަތުން މި ނަގާ ލޯނު އަދާކުރުމުގެ ހަކަތައެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލޯން އަދާކުރުމަށްޓަކައި އަންނަ އަހަރު 2.3 ބިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. ޔާމީން ވިދާޅުވީ އަންނަ އަހަރު އެކަނި ނަގާ ލޯނުގެ އަދަދަށް ބަލާއިރު ވެސް ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް 16،000ރ. އަރާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މައްޗަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު އިގުތިސާދު ރަނގަޅު ނުވާނެ ކަމަށެވެ. އެ ގޮތުން ބެންކްތަކުން ދައްކާ ފައިދާ އާއި ބެންކްގެ ޓެކްސް އިން ދައްކާ ފައިދާ އަށް ބަލާއިރު މި އަހަރާއި އަންނަ އަހަރު ދައުލަތަށް އާމްދަނީ ލިބެނީ އެއްވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެންކަކީ އިގުތިސާދު ރަނގަޅިއްޔާ ވިޔަފާރި ރަނގަޅުވާނެ ތަނެއް. އޭގެ ވިޔަފާރި ރަނގަޅުވެއްޖެ ކަމަށް ވަންޏާ ޓެކްސް އަށް ލިބޭ އާމްދަނީ އިތުރުވާނެ. ކޮންމެ އަހަރަކު މި އޮންނަނީ 229 މިލިއަން ނޫނީ 230 މިލިއަން ރުފިޔާ. އެހެންވީމަ 17 ބިލިއަން ރުފިޔާގެ ބަޖެޓެއް އައިސްގެން ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމުގެ އެއްވެސް ނިޝާނެއް ހަމަގައިމު ވެސް ބޭންކް ޕްރޮފިޓް ޓެކްސްއަކުން ނުދައްކާ. އިގުތިސާދު ރަނގަޅުވެއްޖެ ކަމަށް ވަންޏާ ބެންކް ރަނގަޅުވާނެ. މި ފައިސާ ވަންނާނީ ބެންކަށް. ބެންކްގެ ތެރެއިން ވިޔަފާރި ރަނގަޅުވެގެން އިގުތިސާދު ރަނގަޅުވާނީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުން ފަދަ ކެޕިޓަލް މަޝްރޫއުތަކަށް ހަރަދުކުރުމަށް 4.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެއީ މުޅިން ވެސް ބޭރުގެ ލޯނުގެ އެހީގައި ހިންގާ ކަންތައްތައް ކަމަށެވެ. އަދި އެ ލޯނު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ބަޖެޓް ހިސާބު ފޮތުން ފެންނަން ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ލޯނު ނުލިބިއްޖެ ކަމަށް ވަންޏާ ކެޕިޓަލް އިންވެސްޓްމަންޓުގެ އެއްވެސް ޕްރޮގްރާމެއް ނުހިންގޭނެ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އަށް 10 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އިރު އެއީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް އެ 10 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ނެރޭ ގޮތަށް ޔާމީން ފާޑު ވިދާޅުވި އެވެ.
"މީގެ ތެރެއިން 7.5 ބިލިއަން ރުފިޔާ އަކީ ޓެކްސްގެ އާމްދަނީ. މި ޓެކްސްގެ އާމްދަނީގެ ތެރޭގައި 1.65 މިއީ ޖީއެސްޓީ. ކަސްޓަމްސް ޑިއުޓީ ދެ ބިލިއަން އެބައޮތް. ސަރުކާރުން ވިދާޅުވަމުން ގެންދަނީ މިއީ ޑިއުޓީ ފްރީ ބަޖެޓެއް ކަމަށް. ކަސްޓަމްސް ޑިއުޓީން 2011 ވަނަ އަހަރު، 2012 ވަނަ އަހަރު، 2013 ވަނަ އަހަރު ދެ ބިލިއަނަށް ވުރެ މަތިން ކަސްޓަމްސް އާމްދަނީ ލިބޭނެ ކަމަށް އެބަ އޮތް ބަޖެޓުގައި ހިސާބު ކުރައްވާފައި. މި ފައިސާ އަކީ ލިބޭނެ އާމްދަނީގެ ގޮތުގައި ބައްލަވާފައި މި އޮތީ. އެހެންވީމަ މިއީ އެއްގޮތަކަށް ވެސް ކަސްޓަމްސް ޑިއުޓީ އުވިގެން ދަނީ ނޫން. ކަސްޓަމްސް ޑިއުޓީގެ އިތުރަށް ޖީއެސްޓީ މި ނަންގަވަނީ. ބިޒްނަސް އާއި ޕްރޮޕަޓީ ޓެކްސް އެބައުޅޭ ގާތްގަނޑަކަށް އެއް ބިލިއަންގައި،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެވްރެޖްކޮށް ދިވެހިން ހުރިހާ ޓެކްސްތަކަށް 4.65 ބިލިއަން ރުފިޔާ ދައްކާއިރު އެ ފައިސާ ހޭދަކުރާ ގޮތާ މެދު ސުވާލު އުފައްދަންޖެހޭ ކަމަށެވެ. އެ ގޮތުން އެމްއެންޑީއެފާއި ފުލުހުންގެ މުސާރަ އަންނަ އަހަރު 40 ޕަސެންޓް ބޮޑުކުރަން ނިންމާފައިވާކަމަށް ޔާމީން ވިދާޅުވި އެވެ. ހާއްސަކޮށް އެ ދެ މުއައްސަސާގެ މުސާރަ އަންނަ އަހަރު އެކަނި ބޮޑުވާންވީ ކީއްވެގެންތޯ ޔާމީން ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ ފޭލްވެގެން އުޅެނީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ނޫން ކަމަށާއި ފޭލްވެގެން އުޅެނީ ފިސްކަލް ޕޮލިސީ ކަމަށެވެ. އަދި ފިސްކަލް ޕޮލިސީގައި ހަރަދުކުރުން ހުއްޓުވާ ނުލެވިގެން އުޅޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ