ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ނޫން ގޮތަކަށް ލާމަރުޒީ ބިލު ނިންމުމުގެ ފިކުރެއް ނެތް: ރައީސް ނަޝީދު

ވާދަވެރި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން، އެ ޕާޓީތަކުގެ ބޭފުޅުންނަށް ވެސް ފެނިވަޑައި ގަންނަވާ ގޮތަށް ނޫން ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުންދާ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމާ ބެހޭ ބިލާ މެދު ގޮތެއް ނިންމުމުގެ ފިކުރެއް ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.
އިއްޔެ ހެނދުނު ދެއްވި ރޭޑިޔޯ ހިތާބުގައި ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ސިޔާސީ ޕާޓީތަކުން ވެސް ލާމަރުކަޒީ ބިލަށް އިސްލާހެއް ގެންނަން ބޭނުން ނަމަ ސަރުކާރު އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ. އަދި މަޖިލީހުގައި އެ ބިލާ މެދު ބަހުސް ކުރަމުންދާއިރު އެހާ ބޮޑު ސިޔާސީ ވާދަވެރިކަމެއް ނުގެންގުޅުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"ހަމަ އެ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ކިބައިން، ހާއްސަކޮށް ޑީއާރުޕީގެ ކިބައިން އަޅުގަނޑު އެދެނީ، މި ބިލާ ގުޅޭ ގޮތުން އެހާ ބޮޑު ސިޔާސީ ވާދަވެރިކަމެއް ނުނެރުއްވުމަށް. މި ބިލާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކައިގެން ގޮތް ހޯދައިގެން ރަނގަޅު ހައްލެއް މިކަމަށް ގެނައުމަށް، މި ލޯކަލް ގަވަމަންޓަށް ރަނގަޅު ހައްލެއް، އަވަސް ހައްލެއް ގެނެސްދެއްވުމަށް އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް،" ރައީސް ނަޝީދުގެ ފަސްވަނަ ރޭޑިޔޯ ހިތާބުގައި ވިދާޅުވި އެވެ. "އަޅުގަނޑު މިހެން ދަންނަވާއިރުގައި އަޅުގަނޑަށް ފާހަގަ ކުރެވުނު އިނގޭތޯ، ތޮއްޑޫގެ އިއްޒަތްތެރި މެމްބަރު] އަލީ ވަހީދު[ ވާހަކަ ދެއްކެވިއިރުގައި ވަރަށް ހަމަހަމަ ގޮތެއްގައި އެ ބޭފުޅާގެ ބަސްތައް ބަހައްޓަވަމުން ގެންދެވި. އެހެންވީމަ، ދެން ލާމަރުކަޒީ އުސޫލުން ކަންކަމެއް ނުހިންގާނަމޭ، ނުހިންގޭނެއޭ އެއްވެސް ބޭފުޅަކަށް ވިދާޅުވާކަށް ޖާގައެއް ވެސް، ތަނެއް ވެސް ނެތް. ގާނޫނު އަސާސީގައި ވަނީ އެ އުސޫލުން އެކަން ހިންގުމަށް. ގާނޫނު އަސާސީގެ އަށް ވަނަ ބާބު މިކަމުގައި ވަރަށް ސާފު."
ރައީސް ނަޝީދު ވިދާޅުވީ ޕްރޮވިންސްތައް އުފައްދާތީ ބައެއް ފަރާތްތަކުން އެކަމާ އިންކާރު ކުރައްވާ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭ ސަބަބަކީ ލާމަރުކަޒީ ކުރުމުގައި ވަކި ކައުންސިލެއް ނުވަތަ އިދާރީ ގޮތުން ހިންގަން އަތޮޅެއް އެއީ މާ ކުޑަ މިންވަރެއް ކަމަށް ވާތީ ކަމަށެވެ. އަދި ރައީސް ވިދާޅުވީ ހުރިހާ ބާރެއް، އަތޮޅެއްގެ ދަރަޖައަށް ލިބުމަކީ އިގުތިސޯދެއް އުފެއްދުމަށް މާ ކުޑަކުޑަ މިންވަރެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ ޕްރޮވިންސްތައް އުފެއްދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ވިސްނީ ފުރަތަމަ އިހަށް ބައެއް އަތޮޅު އެއްކޮށްފައި، ޕްރޮވިންސެއް ނުވަތަ ސަރަހައްދެއް އުފައްދަން. އެ އުފައްދާފައި ދެން އެ ސަރަހައްދުތަކަށް ލާމަރުކަޒީ ކުރަން،" ރައީސް ނަޝީދު ވިދަޅުވި އެވެ.
ރައީސްގެ ހިތާބުގައި ލާމަރުކަޒީ ބިލުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަކުން އަތޮޅުތައް ގުޅުވާލުމުގެ މަޝްރޫއަށް ވެސް ބައްލަވާ ލެއްވި އެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމް ގާއިމްކުރުމަށް ފަސް ފަރާތަކުން ބިޑް ކޮށްފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި ބިޑް ކާމިޔާބުކުރި ފަރާތަކާ އެކުގައި ކޮންޓްރެކްޓް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު މި އުއްމީދު ކުރަނީ އެހެންވީމަ، އިރާދަކުރެއްވިއްޔާ މުލަ ރޯދަހާ ތަނަށް ކޮންމެވެސް ވަރަކަށް މިކަމުގެ އަމަލީ ސިފަތަކެއް ފެނިގެންދާނެ ކަމަށް. އަޅުގަނޑަށް މިއަދު ޔަގީން ވަނީ އަޅުގަނޑުމެން މި ރާވާފައި އޮތްގޮތަށް، އަޅުގަނޑުމެން އެ ސިފަކުރި ގޮތަށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމާއި ހަމަ ކަނޑައެޅިގެން ރާއްޖޭގެ ރަށްތަކަކަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމުން ލާމެހި ގުޅިފައިވާ ރަށްތަކަކަށް އިރާދަކުރެއްވިއްޔާ ހެދޭނެ ކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު ނުވަތަ ފެރީގެ ނިޒާމުގެ މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ ރަށަކުން ވެސް ފެރީ ޓާމިނަލެއްގެ ޖާގަ އާއި ގެސްޓް ހައުސް ހެދޭނެ ގޮތަށް ބިމުގެ ޖާގަ ދިނުން ހިމެނޭ ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން އެދެނީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކަނޑައަޅާ ވަކި ތާވަލެއްގެ ދަށުން، ސަރުކާރާ އެކު ވެވޭ އެއްބަސްވާ ވަކި އަގެއްގައި ވަކި ބާވަތެއްގެ އުޅަނދު ފަހަރުގައި އަބަދު ދަތުރުފަތުރުގެ ނިޒާމު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ހިނގަ ހިނގާ ހުންނަ ގޮތަށް މަޝްރޫއެއް ރާވައި ހިންގައި ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ