އަޅުގަނޑު މާ މޮޅަށް ކުނިކަހާނަން: ޝެރިން

މާލޭ ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވުމުން، އެމްޑީޕީން ވަކިކުރި އައިޝަތު ޝެރިންގެ ކެމްޕޭން ޖަގަހަ މިރޭ ހުޅުވައިފި އެވެ.
ބުރުޒުމަގުގައި ހުރި ކެމްޕޭން ޖަގަހަ ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން ޝެރިން ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތް ކުރައްވާނީ މައްޗަންގޮޅީ ދެކުނު ދާއިރާއަށް އިސްކަން ދީގެން ކަމަށެވެ. އޭނާގެ ޝިއާރަކީ ވެސް އެންމެ ފުރަތަމަ މައްޗަން ގޮޅި ކަމަށާއި އެ ދާއިރާގެ ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހަދައި އަންހެނުންނަކީ ގޭގައި ތިބޭ ބަޔަކަށް ނުހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މައްޗަންގޮޅީ ދެކުނު ދާއިރާ އަށް އެމްޑީޕީން ވާދަކުރައްވާ، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ހޮވަންވީ "ވޭތުވެދިޔަ ދެ އަހަރު މުޅި މާލެ ކުނިކެހީތީ" ކަމަށް އޭނާ ދާދި ފަހުން ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން ޝެރިން ވިދާޅުވީ "[ޝެރިން] މާ މޮޅަށް ކުނި ކަހާނެ،" ކަމަށެވެ. އެގޮތުން މިހާރު މަގުމަތީގައި ކުނި އޮންނަ ގޮތަށް ނޯންނާނެ ކަމަށާއި އެހެން މައްސަލަތައް ވެސް މަދުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ކަންކަން ރަނގަޅު ނުވެ، ގޮނޑުވަމުންދާ ކަމަށް ވެސް ޝެރިން ވިދާޅުވި އެވެ. އަދި އޭނާ ކައުންސިލަށް އިންތިހާބުކޮށް ދީފި ނަމަ ރައްޔިތުންގެ ހައްގުގައި، ވަކި ކުލައެއް ނުޖެހި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝެރިންގެ ކެމްޕޭން ޖަގަހަ ހުޅުވައި ދިނީ، މައްޗަންގޮޅީ ދެކުނު ސަރަހައްދުގެ ރައްޔިތެއް ކަމުގައިވާ، މއ. ކަނޑޫގޭ މޫސާ މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ