ސަލްމާން ހާނަށް ދައުވަތު ދިނީ އޭނާ އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތްތަކުގެ ސަބަބުން: ރައީސް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން ރާއްޖެ ގެނައީ އޭނާއަކީ ހަމައެކަނި ފިލްމީތަރިއަކަށް ވާތީ ނޫން ކަމަށް ކަމަށާއި އޭނާ ގެނައީ އިންސާނިއްޔަތަށްޓަކައި އޭނާ ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
"އިންޑިއާ- މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް" ރޭ ހުޅުވައިދެއްވަމުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އިންސާނިއްޔަތަށްޓަކައި ސަލްމާން ހާން އިންޑިއާގައި ކުރަމުން އަންނަ މަސައްކަތްތައް ރާއްޖޭގައި ވެސް މިހާރު ކުރިއަށް ދާ ކަމަށާއި ރާއްޖެ އަށް އައުމަށް ދިން ދައުވަތު ސަލްމާން ހާން ގަބޫލުކޮށް އެފަދަ ޕްރޮގްރާމެއްގައި ބައިވެރިވީތީ ރައީސް އޭނާ އަށް ޝުކުރު އަދާކުރެއްވި އެވެ.
"އަޅުގަނޑުމެން ސަލްމާން ހާނަށް ދައުވަތު ދިނީ ނުވަތަ އޭނާ ގެންނަން ބޭނުންވީ ހަމައެކަނި އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން އެކަންޏެއް ނޫން. އިންސާނިއްޔަތަށްޓަކައި އޭނާ ކުރާ މަސައްކަތަށް ވެސް ބަލާފައި. ހިލޭސާބަހަށް ސަލްމާން ހާން ކުރާ މަސައްކަތް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންދުވަހާ ގުޅުވައިގެން އިންޑިއާގެ ހައި ކޮމިޝަނާއި އިންޑިއާ ކްލަބް އަދި ސަރުކާރު ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮގަސްޓް 15 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ފެސްޓިވަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއްސުރެ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ސަލްމާން ހާން ވެސް ނެށުމުގެ އައިޓަމެއް ހުށަހަޅައިދިނެވެ.
އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް އިންސާނިއްޔަތަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ފިލްމީ ތަރި ރާއްޖެ ގެނައީ ދާދިފަހުން މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފި އިންޑިއާގެ ޖީއެމްއާރު ކުންފުނިންނެވެ. ޖީއެމްއާރުން ސްޕޮންސަކޮށްފައިވާ 10 ސްކޮލަޝިޕެއް ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ އިއުލާންކޮށްފަ އެވެ. ޖީއެމްއާރުގެ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހުރިހާ ހަރަދެއް ދޭ ގޮތަށް ދިވެހިންނަށް އިންޑިއާގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި އައިޖީއެމްއެޗަށް ވެސް އިއްޔެ ސަލްމާން ހާން ޒިޔާރަތްކުރި އެވެ. ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ހަދިޔާ ދިނުމުގެ އިތުރުން ސަލްމާން ހާން ވަނީ އައިޖީއެމްއެޗުގައި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކުރުމުގެ ގޮތުން ލޭ ވެސް ހަދިޔާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ