ސަރުކާރުން މަސައްކަތް ކުރަނީ މަރަށް، ފުރާނަ އަށް: ޔާމީން

މިދިޔަ މަހުގެ 27 ގައި ރަޖިސްޓްރީކުރި ޕީޕީއެމްގެ ފުރަތަމަ އާންމު ބައްދަލުވުމުގައި ބުދަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ "ސަރުކާރު އޮތީ އެކަނިވެރި ސަރުކާރަކަށް" ވެފައި ކަމަށެވެ.
"މިހާރު ތިވަރުގެ ތާއީދެއް އެމްޑީޕީ އަކަށް ރަށްރަށަކު ނެތް. މިހާރު ތިވަރުގެ ތާއީދެއް އެމްޑީޕީ އަކަށް، ހަމަގައިމު ވެސް ތަންދޮރު ދަންނަ، ތައުލީމީ، އިލްމީ މީހުންގެ ތެރެއަކު ނެތް. މިހާރު މި ސަރުކާރުން މިކުރާ މަސައްކަތަކީ މަރަށް، ފުރާނަ އަށް ކުރާ މަސައްކަތް،" ޔާމީން ވިދާޅުވި އެވެ.
ޕީއޭގެ ކުރީގެ ރައީސް ޔާމީން ވިދާޅުވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އާއެކު މަސައްކަތް ކޮށް ތަސައްރަފު ފުދިފައިވާ ބައެއްކަން ދައްކަންވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަސީލަތެއް. ކުރަން މި އުޅޭ ކަމަކީ ދިވެހި ރައްޔިތުންނަށް މަސްލަހަތާއި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭން. އެކަން ކުރުމުގައި އެކި ޖިހާދު ކުރަނީ އެކި ގޮތަށް. އުތީމު ރަދުން ނުކުމެވަޑައިގެންނެވި. އުދުވާނެއް 88 ގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑިޔާ ސަރުކާރުގެ އެހީ އާއެކު ބަލި ކުރީމު. މިހާރު ދިވެހި ރައްޔިތުން ތަހައްމަލު ކުރާ ކަންތައްތައް އިރާދަކުރެއްވިއްޔާ ހަމަ މި ޕާޓީ އެހެން އިދިކޮޅު ޕާޓީތަކާ ގުޅިގެން މަސައްކަތްކޮށްގެން، މި ވޭންދެނިވި ސަރުކާރު ބަދަލުކޮށްލުމުގެ ހުރިހާ މަސައްކަތެއް ކުރާނެ،" ޔާމީން ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވަނީ ސަރުކާރުގެ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވުމުން މަރުހަބާ ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ އަދާލަތު ޕާޓީ ސަރުކާރުގެ ކޯލިޝަނުން ވަކިވުމުން ދެން ސަރުކާރާއެކު ތިބީ 200 މެމްބަރުން ވެސް ހަމަ ނުވާ ޕާޓީތައް ކަމަށެވެ.
ޔާމީން ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީން ރައީސް ނަޝީދަށް 115 ވަނަ މާއްދާ ފިޔަވައި އެހެން މާއްދާއެއް "ފެނިވަޑައިނުގަންނަވާ" ކަމަށާއި އެ މާއްދާގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮން ޖައްސަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ކޮމިޝަނެއް ހަދައިގެން ސަރުކާރުން ކުރާ ކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ.
ޔާމީން ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ކަމަކީ "ހުރިހާ ބާރުތައް އަތްޕުޅަށް ކެހުމަށް ކުރައްވާ މަސައްކަތް" ކަމަށެވެ. އަދި އެކަން އެ މަނިކުފާނު ކުރައްވަނީ ސިވިލައިޒް ސިސްޓަމެއްގެ ތެރެއިން ދައުލަތް ހިންގަވަން ނުކުޅެދުމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި "ރާވާފައި އޮންނަ ނިޒާމެއްގެ" ދަށުން މުއައްސަސާތަކަށް "ބިރު ދައްކަވައިގެން" އެ މުއައްސަސާތައް ރައީސް ނަޝީދު "ފަނާކޮށްލަނީ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގައި ތަޅު އަޅުވާނެ. ސުޕްރީމް ކޯޓުން ހުކުމްކުރާ ހިސާބަށް ދަންޏާ ނޫނިއްޔާ ވަރުގަދަ ޝަރީއަތެއް ހިނގާ ކަމަށް ވަންޏާ މުޒާހަރާ ކުރާނެ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓް ސަރަހައްދުގައި މުޒާހަރާކުރުން މަނާ ނަމަވެސް އެ މުޒާހަރާތަކުގައި އިސްކޮށް ތިއްބަވަނީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވަޒީރުން ކަމަށެވެ.
"މި ސަރުކާރަށް ހަމަ ހިލާ ކުޅަދާނައެއް ނޫން ސިޔާސީ ގޮތުން މިކުރާ ކަންތައް ވެސް އަދި އިޖުތިމާއީ ގޮތުން ކުރާ ކަންތައް ވެސް އުސޫލެއްގެ ތެރެއިން ގާނޫނަށް ބޯލަނބައިގެން، ގާނޫނުގެ ތެރެއިން ކުރުމަކީ މި ސަރުކާރަށް ކެރި ކުޅަދާނަ ވެގެންވާ ކަމެއް ނޫން. އެހެންވެ މި ސަރުކާރުން މަގުތަކަށް މީހުން މި ނެރެނީ،" ޔާމީން ވިދާޅުވި އެވެ. "ތިޔަ ހާޒިރުވެ ވަޑައިގެން ތިއްބެވި ލޮބުވެތި އިއްޒަތްތެރި ޕީޕީއެމްގެ މެމްބަރުންގެ ނަންފުޅުގައި އަޅުގަނޑު ދަންނަވާލާނަން ސުޕްރީމް ކޯޓަށް، އެހެނިހެން ކޯޓުތަކަށް، މިނިވަން މުއައްސަސާތަކަށް، ތިޔަބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިޒަމާ ދޭތެރޭގައި ހުރި ހަމަ ގައިމު ވެސް ފާރަވެރިންނަށް އަޅުގަނޑުމެން ޕީޕީއެމް ވާނަމޭ. ތި ބޭފުޅުންނަށް ގެއްލުންވިޔަކަ އަޅުގަނޑުމެން ނުދޭނަމޭ. އަޅުގަނޑުމެންގެ ގާބިލިއްޔަތާއި ހިތްވަރު ތަންދިން އެންމެ ފުންމިނުގައި ތިބޭފުޅުން ގާނޫނާ އެއްގޮތަށް ތި ކުރައްވާ މަސައްކަތްޕުޅުގައި ތިއްބެވުމަށް ތި ބޭފުޅުންނަށް އެރުވެން ހުރި ހުރިހާ ހިތްވަރެއް އަޅުގަނޑުމެން އަރުވާނަމޭ."
ޔާމީންގެ މިރޭގެ ވާހަކަ ފެއްޓެވީ އޭނާގެ މައްޗަށް ސަރުކާރާއި އެމްޑީޕީން ކުރާ 800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތާ ގުޅިގެން މަލާމާތުގެ ވާހަކަތަކަކާއެކު އެވެ.
"އަޅުގަނޑަށް މިރޭ އަޅުގަނޑުމެންގެ ޕާޓީގެ ކުލައިގެ ގަމީހެއް ވެސް އަދި ޓައިއެއް ވެސް ނޭޅުނީ އަޅުގަނޑަށް އަދި ލިބެންވާ 800 މިލިއަން ޑޮލަރު ނުލިބޭތީ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސިންގަޕޫރަށް އަޅުގަނޑު އެބަ ދަތުރެއް ކުރަން އެ 800 މިލިއަން ޑޮލަރު ގެންނަން. މި ޖަލްސާ ނިމުމާއެކު މިތާ ނަން ނޯޓު ކުރުމުގެ އިންތިޒާމް އޮންނާނެ. އަޅުގަނޑުމެން ޕާޓީގެ ހަމަ ކޮންމެ މެމްބަރަކު ވެސް ބޭނުންފުޅުވަނީ ޓައިއެއް ވެއްޖިއްޔާ ޓައިއެއް، ބުރުގާ ކޮޅެއް ވެއްޖިއްޔާ ބުރުގާ ކޮޅެއް، ނޯޓު ކޮއްލައްވާ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ އެ 800 މިލިއަންގެ އެހީތެރިކަން ތިބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ،" ޔާމީން ވިދާޅުވި އެވެ.
ސާކް ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އެއީ ކަމަށެވެ.
"ޑިމޮކްރަސީ އަށް އެންމެ ހަޖޫ ޖަހާ ނޫނިއްޔާ ޑިމޮކްރެސީ އެންމެ ކޮރު ގޮތަކަށް ބަލައިގަނެގެން މި ސަރަހައްދުގައި ހިންގާ ގައުމަކީ ދިވެހިރާއްޖެކަން މަންމޯހަން ސިންގަށް ޝައްކެތް ވެސް ނެތް ގޮތުގައި މި ފަހަރު އަޅުގަނޑަށް ޔަގީން ފާހަގަ ކުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންމޯހަން ސިންގްގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ތަގުރީރު ކުރައްވާތީ އެކަމާ އުފާކޮށް ޕީޕީއެމްގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެމްޑީޕީ އާއި އެމްޑީޕީން ހިންގާ ސަރުކާރުން އަޅުގަނޑުމެންނަކީ ކިތަންމެ ވިޔާނުދާ ބައެއް ކަމަށް ސިފަކޮށްދޭން އުޅުނަސް އަޅުގަނޑުމެންނަކީ ތަސައްރަފު ފުދޭ އަޅުގަނޑުމެންނަކީ ގާބިލް އަދި ވެރިކަމާ ހަވާލުވާން އެންމެ ގާބިލް ބަޔަކީ ޕީޕީއެމްކަން އިރާދަކުރައްވިއްޔާ މި ކައިރި މުސްތަގުބަލުގައި އަޅުގަނޑުމެންގެ އަވައްޓެރި ސާކްގެ ގައުމުތަކަށް ވެސް ފެނިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ