ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށް މަޖިލީހާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ބައެއް މެމްބަ

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރަމުންދާ ނޭދެވޭ އަސަރުތަކުން ރާއްޖެ އަށް ކުރާ ގެއްލުން ކުޑަކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސޯދީ މައްސަލަތައް މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ތ. މެމްބަރު މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސީ ވިސްނުން ދޫކުރައްވައި އިގުތިސޯދީ ގޮތުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި މ. މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ އެއްވެސް އިސްނެގުމެއް މިހާތަނަށް ފެންނަމުން ނުދާ ކަމަށެވެ.
"ނަގަން ޖެހޭ ޑިސިޝަންތަކަކީ ވަރަށް އުނދަގޫ ޑިސިޝަންތަކެއް. ނިންމަން ޖެހޭ ނިންމުންތަކަކީ ވަރަށް އުނދަގޫ ނިންމުންތަކެއް. ކާން ޖެހޭ ބޭހަކީ ވަރަށް ހިތި ބޭހެއް. އެހެން ކަމަށް ވުމާ އެކު އިންތިހާބެއް ކުރިމަތީގައި އޮއްވާ އެ ކަންކަމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން. އަދި މިކަމުގެ ވާހަކަތައް ދެއްކުމަކީ ވެސް ކުރާނެ ކަމެއް ނޫން. އެހެންކަމުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މަޝްރޫއުތައް ހުއްޓާލަން އެބަ ޖެހޭ. އާ މަޝްރޫއުތަކުގެ ވާހަކަ ވައުދުތަކެއްގެ ސިފައިގައި ދެއްކި ނަމަވެސް އެ ކަންތައްތަކަކީ ވާނެ ކަންކަން ނޫންކަން އަޅުގަނޑުމެންނަށް މި އޮތީ ހަމަ ކަނޑައެޅިގެން އެނގެން. އެހެންވެ އަޅުގަނޑު ސަރުކާރަށް މި ގޮވާލަނީ ގައުމުގެ އިގުތިސޯދީ ހާލަތާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ހަރަދު ކުރުމުގެ ސިޔާސަތު ކުޑަކޮށްލުމަށް،" ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ނާޒިމް ވެސް އަދި އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވީ އަލަށް ސަރުކާރުން ފަށާ މަޝްރޫއުތައް ހަގީގަތަކަށް ނުވެދާނެތީ ކޮންޓިންޖެންސީ ޕްލޭނެއް ހުށަހެޅުމަށް ބަޖެޓާ އެކު ފާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މިހާތަނަށް އެ ޕްލޭން ވެސް މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ޏ. މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށްޓަކައި، މިހާރު ވަޒީފާގައި ތިބި މީހުންނަށް އެ ވަޒީފާތަކުގައި ދެމިތިބެވޭނެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އިގުތިސޯދީ މާހިރުންގެ ޓީމެއް އެކުލަވާލައި މަސްވެރިކަން ކުރާ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ކުރާ ހަރަދުތަކާ މެދު ވިސްނާލައި ވީ ވަރަކުން އެ ޑެފިސިޓް ކުޑަކުރުމަށް ގޮތްތައް ހޯދަން އެބަ ޖެހޭ. ދެން އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިގުތިސޯދާ ދޭތެރޭގައި އިތުބާރު އުފައްދަން އެބަ ޖެހޭ. އަޅުގަނޑުމެން ކުރާ ކަންތައްތައް އެއީ ރަނގަޅަށް ކުރެވޭ ކަންތައްތައް ކަމުގައި ބޮޑެތި މާހިރުން ވިދާޅުވެ، އިގުތިސޯދުގައި އިތުބާރު އުފައްދަން އެބަ ޖެހޭ. މިކަމުގެ މާހިރުން މި ވިދާޅުވަނީ އެންމެ މުހިންމު ކަމަކީ ކުރެވޭ މަސައްކަތްތަކާ އެކު އިތުބާރު ގާއިމްކުރުމޭ،" މަސީހު ވިދާޅުވި އެވެ.
ނ. މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގެ ރިޒާވް މިހާ ބޮޑަށް ޑެފިސިޓް ވެގެންދިޔަ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަމުންދިޔަ ބަދަލުތައް ކަމަށާއި އޭގެ ނަތީޖާ އަކީ ތެލަށް ދައްކަން ޖެހޭ ފައިސާ ދައުލަތުގެ ރިޒާވުން ނެގުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަޑު އިވެމުން އެބަދޭ އެމެރިކާގައި ސްޓިމިއުލަސް ޕެކޭޖެއް ދިން ވާހަކަ އާއި ދިވެހިރާއްޖޭގައި ސްޓިމިއުލަސް ޕެކޭޖެއް ދިނީމަ (އިގުތިސޯދީ) މައްސަލަތައް ރަނގަޅު ވެދާނެ ކަމަށް. ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ސްޓިމިއުލަސް ޕެކޭޖެއް ދެވޭނެ ކަމަށް. އެކަމަކު ދާދި ފަހުން ކަން ނޭނގެ ވޯލްޑް ބެންކުގެ މާހިރުން މިތަނަށް އައިސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވީ. ދިވެހިރާއްޖޭގައި އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖެއް ދީގެން މިކަމަށް (އިގުތިސޯދީ މައްސަލަތައް ހައްލުކުރުން) ޖާގައެއް ދީގެން ހައްލުކުރެވޭނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އެހެން ދަންނަވާލަން ޖެހޭ ސަބަބަކީ ދިވެހިރާއްޖޭގެ އިގުތިސޯދަކީ ވަރަށް ކުޑަކުޑަ އިގުތިސޯދެއް. އެކްސްޕޯޓަށް ބެލިކަމުގައި ވިޔަސް އިމްޕޯޓަށް ބެލި ކަމުގައި ވިޔަސް ރާއްޖޭގެ އިގުތިސޯދު، ބައިނަލްއަގްވާމީ އިގުތިސޯދާ ގުޅިފައި މި އޮތީ،" ޔާމީން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރާއްޖޭގައި ސްޓިމިއުލަސް ޕެކޭޖެއް ތައާރަފު ކުރާއިރު ފިސްކަލް ސްޕޭސްއެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ވިދާޅުވީ އިގުތިސޯދީ މައްސަލަތައް ހައްލުކުރެވޭނީ އިގުތިސޯދަށް އިތުރަށް ފައިސާ ނެރުމުގެ ބަދަލުގައި ހަރަދު ކުޑަކުރުމުގެ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ.
"އެމެރިކާގައި ދޭ ސްޓިމިއުލަސް ޕެކޭޖެއް ރާއްޖޭގައި މަސައްކަތް ނުވެސް ކުރާނެ. މަސައްކަތް ނުކުރާނެ ސަބަބަކީ ދިވެހިރާއްޖޭގެ ބަޖެޓުގައި ނުވެސް ނެތީ އެ ސްޓިމިއުލަސް ޕެކޭޖަށް ދޭން ފައިސާ އުފައްދާނެ ގޮތެއް ވެސް." އޭނާ ވިދާޅުވި އެވެ.
ފ. މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އެބަ ގެންދާ ކަމަށާއި ބަލަން ޖެހެނީ އެ ފިޔަވަޅުތަކުގެ ނަތީޖާ އަކީ ކޮބައިކަން ކަމަށެވެ. އެގޮތުން އިންޑިޔާ ސަރުކާރުން ދޭން ބުނި ފައިސާ ލިބޭތޯ ބަލައި މަޖިލީހުން ވެސް އެކަން ދާ ގޮތް ކައިރިން ބެލުން މުހިންމު ކަމަށް ހަމްޒާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ. އެގޮތުން ވޭތުވެދިޔަ ސަރުކާރުން ދޫކުރައްވާފައިވާ ރަށްތަކުގެ ތެރެއިން ނެހެދި ހުރި ރަށްތަކަށް ދައްކަން ޖެހޭ ކުލި ސަރުކާރުން ވަނީ މި ވަގުތަށް ފަސްކޮށްދެއްވާފައި. އޭގެ ސަބަބުން ހަމަ ގައިމު ވެސް އެ ރަށްތައް ކުއްޔަށް ހިއްޕަވައިގެން އުޅުނު ފަރާތްތަކުން ވަޒީފާގައި ގެންގުޅޭ މީހުން ގެންގުޅުމުގެ ފުރުސަތު ލިބިގެންދާނެ،" ހަމްޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގުތިސޯދު ރަނގަޅުކުރުމަށްޓަކައި މަޖިލީހުން އެހީތެރިކަން ދެވޭނީ ކޮން ގޮތަކަށްތޯ ބަލައި އެކަމަށް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ