ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ސުވާލުކުރުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގިނަ މައްސަލަތަކެއް ތުހުމަތު ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ. މި ދައުވާ ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރީމަނާ ވެސް ވަނީ ކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ.
އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފަރ ކޮށް އޭގެ އަސްލު އޮޅުވާލާފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރުކުރުމުގެ އިތުރުންވެސް އެކި ތުހުމަތުތައް ރައީސް ޔާމީންގެ މައްޗަށް ކުރެއެވެ. އޭގެ ތެރޭގައި ރ. ފުއްގިރި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ދައުވާގެ އިތުރުން ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށް ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ކުރިއަށްގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ