ގދ. ތިނަދޫ ހޮސްޕިޓަލުގެ އިސް ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އެ ސަރަހައްދުގެ ހެލްތު ސެންޓަރުތަކަށް ފޮޓޯކޮޕީ މެޝިން ހޯދައިދިނުމުގައި އެ ހޮސްޕިޓަލުގެ އިސް ދެ މީހަކު މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމަށް ބުނެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ހުށަހަޅައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) މިއަދު ނެރުނު ބަޔާނެއްގައި ބުނިގޮތުގައި ކުރިން ތިނަދޫ ހޮސްޕިޓަލާ ހަވާލުވެ ހުރި ގދ. ފިޔޯރީ، ލިލީގޭ މުހައްމަދު އަރީފާއި ހޮސްޕިޓަލުގެ ބަޖެޓް ސެކްޝަނުގެ އިސް ވެރިއަކަށް ހުރި ތިނަދޫ، ވެހެލި، އަދުނާން އިސްމާއިލްގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅީ ފޮޓޯކޮޕީ ނަގާ ނުވަ މެޝިނެއް ފޭކް ޑޮކިއުމެންޓަކެއް ހަދައި، އިއުލާން ނުކޮށް ގަނެފައިވާތީ ކަމަށެވެ.
އެ މެޝިންތައް ގަންނަން އިންވޮއިސް ހަދާފައި ވަނީ މެޝިނަކަށް 20،000ރ. އަށް ނަމަވެސް އެއިން ކޮންމެ މެޝިނެއްގެ ގަނެފައި ވަނީ ގާތްގަނޑަކަށް 8،000ރ. އަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ފޮޓޯކޮޕީ މެޝިންތައް ގަތުމުގައި އާރިފް އަމަލުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު ލިޔެކިޔުންތަކުގައި ތާރީހް ޖަހާފައިވާ ގޮތުން ފުށުއެރުންތަކެއް ވެސް ހުރި ކަމަށާއި ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި ނުވަތަ އުނިކަމެއް ލިބޭ ގޮތަށް އާރިފް އަމަލުކޮށްފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި އެ ހޮސްޕިޓަލުގެ އެކައުންޓް އޮފިސަރަކަށް މިހާރު ވެސް ހުރި އަދުނާން އިސްމާއިލް ވެސް އަމަލުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށެވެ. އެގޮތުން އެ މެޝިންތަކަށް އަދުނާން އޯޑަރު ދީފައިވާ އިރު 2009 ވަނަ އަހަރު އެ މުއާމަލާތް ނިންމާފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގުނު ނަމަވެސް މި މެޝިންތައް ލިބިފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށް އޭސީސީން ބުންޏެވެ.
އަދި އެ މެޝިންތައް ހޯދުމުގެ ލިޔެކިޔުންތަކުގައި މައްސަލަ ހުރި ކަމަށް ހޮސްޕިޓަލް އޮފީހުގެ އިދާރީ މުވައްޒަފުން ބުނުމުން ވެސް "ފައިސާ ހަރަދުކުރުމުގެ ވައުޗަރު" ތައްޔާރުކުރުމަށް އަދުނާން އަންގާފައިވާ ކަން ސާބިތުވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނިގޮތުގައި ފޮޓޯކޮޕީ މެޝިންތައް ރާއްޖެ އެތެރެކުރި ތޮޝިބާ ބްރޭންޑުގެ މުދާ ރާއްޖެ އަށް އެތެރެކޮށް ސޯލްޑިސްޓްރިބިއުޓް ކުރާ ފަރާތުން މެޝިނެއް ވިއްކާފައި ވަނީ 16،000ރ. އަށެވެ. ނަމަވެސް ހޮސްޕިޓަލަށް އެ މެޝިންތައް ވިއްކި ފަރާތުން ވިއްކާފައި ވަނީ މެޝިނަކަށް 4،000ރ. އިތުރުކޮށް 20،000ރ. އަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
"..ފޮޓޯކޮޕީ 9 މެޝިން ގަތުމަށް އިތުރަށް ހަރަދުކޮށްފައިވާ 36،000ރ. ދައުލަތަށް ލިބިފައިވާ ގެއްލުމެއް ކަމަށް ފާހަގަކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ