ސުނާމީގެ ފައިސާ ނުލިބޭ މީހުންނަށް އެ ފައިސާ މި މަހު ދޫކުރައްވަނީ

ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފައިސާ ދޫކުރެއްވުން މެދުކަނޑާލައްވާފައި އޮންނަތާ ފަސް މަހަށް ފަހު، ފައިސާ ދޫކުރެއްވުމުގެ ކަންތައް މި މަހު އަލުން ފައްޓަވާނެ ކަމަށް ޖެންޑަ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ވިދާޅުވީ ފައިސާ ލިބުމުގެ ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިހާރު ހައްދަވާފައިވާ ކަމަށާއި އެ ލިސްޓް އަތޮޅު އޮފީސްތަކަށް ފޮނުއްވުމުގެ ކަންތައް ކުރިއަށް ގެންދަވާ ކަމަށެވެ. އެ ގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް 688،000ރ. ދޭންޖެހޭ ކަމަށް ޖެންޑަ މިނިސްޓްރީން ވިދާޅުވި އެވެ.
"އެކަމަކު ފައިސާ ހޯދުމަށް ފޯމު ލީ މީހުންގެ ތެރޭގައި އެބަތިބި އިތުރަށް މައުލޫމާތު ސާފުކުރަން ޖެހޭ މީހުން ވެސް. އެހެންވެ އެ ފަރާތްތަކަށް ފައިސާ ދޫކުރަން ނިންމައިފިއްޔާ ފައިސާގެ އަދަދަށާއި މީހުންގެ އަދަދަށް ބަދަލު އަންނާނެ،" ޖެންޑަ މިނިސްޓްރީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ތިބި ފަރާތްތަކަށް ފައިސާ ދޫކުރައްވާނީ އެ ރަށެއް ހިމެނޭ އަތޮޅު އޮފީހަކުން ކަމަށެވެ.
"ޝަރުތު ހަމަވާ މީހުންގެ ލިސްޓް އަތޮޅު އޮފީސްތަކަށް ފޮނުވަމުން މިދަނީ. އެކަމަކު އަތޮޅު އޮފީސްތަކަށް ފައިސާ ޖަމާކުރާނީ ފިނޭންސް މިނިސްޓްރީން. ލިސްޓް އަޅުގަނޑުމެން ފިނޭންސަށް ފޮނުވީމަ އެ ބޭފުޅުން އަތޮޅު އޮފީސްތަކަށް ފައިސާ ޖަމާކުރައްވާނީ،" ޖެންޑަ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ފައިސާ ދެއްވަން ނިންމެވީ ތަފާތު ތިން ކެޓަގަރީއަކަށް ބައްސަވާލައްވައިގެންނެވެ. އެ ގޮތުން ހާލުގައި ޖެހިފައިވާ 63،000 މީހަކަށް 50 މިލިއަން ރުފިޔާ ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވައިފަ އެވެ. އަދި ފައިސާ ދޫކުރެއްވުމުގެ މަސައްކަތް ހުއްޓާލެއްވިއިރު ގާތްގަނޑަކަށް 48 މިލިއަން ރުފިޔާ ވަނީ ބައްސަވައިފަ އެވެ.
ޖެންޑަ މިނިސްޓްރީން ވިދާޅުވީ ސުނާމީ ފައިސާ ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެއްވުމުން 6،510 ފޯމު ލިބުނު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 688 މީހުންނެވެ.
"ޝަރުތު ހަމަނުވާ މީހުންނަށް ޖަވާބު ދޫކުރަމުން މި ދަނީ،" ޖެންޑަ މިނިސްޓްރީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ