މާދަމާ ހެނދުނަށް ފަސްކުރި މަޖިލީހުގެ ޖަލްސާ އަނެއްކާވެސް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން މައި ދެ ޕާޓީ އަށް ގޮނޑިތައް ދޭނެ އަދަދަކާ މެދު، ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅު ޑީއާރްޕީއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުންތަކާ ހެދި މިއަދުގެ ޖަލްސާ މާދަމާ 00: 9 އަށް ފަސްކުރުމަށް ފަހު އަނެއްކާ މާދަމާ މެންދުރު ފަހު 00: 1 ފަސްކޮށްފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ކޮމިޓީތަކުގެ މައްސަލާގައި މަޖިލީހުގެ ޖަލްސާ ހުއްޓާލާފައި ވާއިރު މިއަދު ހެނދުނު 00: 9 ގައި ފެށި ޖަލްސާ ހުއްޓާލަން ޖެހުނީ ޖަލްސާ ފެށިތާ ފަސް ވަރަކަށް މިނެޓް ފަހުންނެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ޖަލްސާ ފަށަން ހަމަޖެއްސި ނަމަވެސް އެއްބަސްވުމަކަށް ނާދެވުމުން މާދަމާ އަށް ފަސްކުރީ އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މައްސަލާގައި އެމްޑީޕީން ބުނެފައިވަނީ ގަވާއިދުގައިވާ އަދަދަށް ކޮމިޓީތަކުން ގޮނޑިތައް ލިބެނިކޮށް ނިމުނީ ކަމަށެވެ. އިދިކޮޅު ޑީއާރްޕީން ބޭނުންވަނީ މުހިންމު ކޮމިޓީތަކުގައި އެ ޕާޓީގެ ބައި ގިނަކުރާށެވެ.
މިއަދުގެ ޖަލްސާ ފެށުނު އިރު، ދާއިމީ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމުގެ މައްސަލަ އެޖެންޑާކޮށްފައި ވާނީ އެމްޑީޕީގެ ދިއްދޫ މެމްބަރު އަހްމަދު ސަމީރު ނިޒާމީ މައްސަލައެއްގައި ފުރުސަތު ހޯއްދަވައި، އެއީ ތަޅުމުން ނިންމޭނެ ކަމެއް ނޫން ކަމަށް ވިދާޅުވުމުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް އެ ވާހަކަ އަށް ތާއީދުކުރައްވައި ޖަލްސާ ކުރިއަށް ނުގެންދިއުމަށް އެދި އަޑުއުފުއްލެވި އެވެ. އަދި އެންމެ ފަހުން މާދަމާ 00: 9 އަށް ޖަލްސާ ފަސްކުރިކަން އިއުލާނުކޮށް ޖަލްސާ މެދުކަނޑައިލީ އެވެ. އަދި 00: 11 އަށް ޖަލްސާ ފަސްކޮށް، އެ ވަގުތު ޖެހުނު އިރު ވެސް އެއްބަސްވުމަކަށް ނާދެވުމުން މެންދުރު ފަހު 00: 3 އަށް ވެސް ޖަލްސާ ފަށަން ހަމަޖެއްސި އެވެ. އެކަމަކު އެންމެ ފަހުން މާދަމާ ހެނދުނަށް ފަސްކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ