ސިފައިންގެ ފަޔާ އެކްސަސައިޒް ނިންމާލައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރު އެންޑް ރެސްކިޔު ސާވިސް އިން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ފުލް ސްކޭލް ފަޔަރު އެކްސަސައިޒް "ޖައްރާފާ" މިއަދު ހަވީރު ނިންމާލައިފިއެވެ.
ފަޔަރު އެންޑް ރެސްކިޔު ސާވިސްގެ އިމަޖެންސީ އޮޕަރޭޝަން ޕްލޭން (އީއޯޕީ) ޓެސްޓްކުރުމުގެ ގޮތުން ފަޔަރު އެންޑް ރެސްކިޔު ސާވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެމްއެންޑީއެފްގެ ކަމާބެހޭ ދާއިރާތަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ މިއަދު ހަވީރު ބަނޑޭރި ކޮށީގެ ބިތްދޮށުން މާލޭ ޖަލާ ވިދިގެން ހަދަމުން ގެންދާ ޓީޗަރުންގެ ފްލެޓްގައި ބޭއްވި ހާއްސަ ފަޔާ ޑްރިލްއަކާ އެކުގައެވެ.
މާލެއާއި މާލެ ކައިރީ ރަށްތަކާއި މާލެ ހިމެނޭ ސަރަހައްދުގެ ކަނޑުމަތީގައި ކޮންމެ ދުވަހެއްގެ 8:30ން ހަވީރު 6:00އާ ދެމެދު މިމަހުގެ ހަތަރަކުން ހަޔަކަށް ކުރިއަށްގެންދިޔަ ތަމްރީނުތައް ނިންމާލުމުގެ ކުރިން ބަނޑޭރިކޮށި ހިމެނޭ ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމްޕެނީ ކޮމާންޑަރު ފަސްޓް ލެފްޓިނަންޓް އަހުމަދު ފާއިޒް ވިދާޅުވީ އެ ތަމްރީނުތަކަކީ އެތަނުގެ އީއޯޕީ ޓެސްޓު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ތަމްރީނުތަކެއް ކަމުގައެވެ. އަދި މިއަހަރުގެ ފަޔަރު އެކްސަސައިޒް "ޖާއްރާފާ"ގެ ފަހު ދުވަހުގެ ހަރަކާތްތަކުގެ ގޮތުން މިއަދު ކުރިއަށް ގެންދެވުނީ އާންމުކޮށް ދިމާވާ ހާދިސާތަކަށް ދިއުމަށްފަހު ލިބެން ހުރިވަސީލަތްތައް ބޭނުންކޮށްގެން އަވަސް ކަމާއެކު އެކަމެއް ހައްލުކުރާނޭ ގޮތްކަމަށެވެ.
"މިއަދުގެ މި ހަރަކާތަކީ މި އެކްސަސައިޒްގެ ފައިނަލް ދުވަސް. އެހެންކަމުން މިއަދުގެ މިހަރަކާތުގައި މި ދައްކައިދެނީ އަޅުގަނޑުމެންނަށް އާންމުކޮށް ދިމާވާ ކަންތައްތަކަށް ދިއުމަށްފަހު އެ ހަރަކާތްތައް އަވަސްކަމާއެކު އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ތަކެތި ބޭނުން ކޮށްގެން ހައްލުކުރާނޭ ގޮތް މިއަދު ކުރިއަށް މިގެންދެވުނީ" ފާއިޒް ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ އެ ތަމްރީނުތަކުގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުރިހާ މުވައްޒަފުންގެ އިތުރުން އެމްއެންޑީއެފްގެ ބޭރުން އާންމުކޮށް އެފަދަ ހާލަތްތަކުގައި ބައިވެރިވާ މުއައްސަސާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ގިނަ ގޮންޖެހުން ތަކަކާއެކުގައިވެސް މިވަގުތަށް އެތަނުގައި ލިބެން ހުރި ވަސީލަތްތަށް ބޭނުން ކޮށްގެން ހިތްހަމަޖެހޭ ފެންވަރަކަށް އެ ތަމްރީނުތައް ކުރިއަށް ގެންދެވުނު ކަމަށެވެ. ހަމަ އެއާއެކު އެ ތަމްރީނުތަކުގައި ފާހަގަކުރެވުނު މައްސަލަތައް އަލުން ބެލުމަށްފަހު ރަނގަޅު ކުރެވޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި އެކްސަސައިޒްތައް ނިންމާލުމަށްފަހު އަޅުގަނޑުމެން އެއްކޮށް އަލުން ޑީބްރީފް ކޮށްފައި މީގެ އާފްޓާ އެކްޝަން ރިވިއުއެއް ބާއްވާނެ. ދެން މީގެ ތެރޭގައި އަޅުގަނޑުމެން ރަނގަޅު ކުރަން ހުރި ކަންތައް، ރަނގަޅު ކުރަންޖެހޭ ފަރާތްތަކަށް ފޮނުވައިގެން ރަނގަޅު ކުރާނެ. އަދި އަޅުގަނޑުމެންގެ ތެރޭގައި، ރަނގަޅު ކުރަން ހުރި ކަންތައްތައް ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ފަރިތަކުރަން ފަށާނެ،" ފާއިޒް ވިދާޅުވިއެވެ.
ފަޔަރު އެންޑް ރެސްކިޔު ސާވިސް އިން މައުލޫމާތު ދިންގޮތުގައި ތިންދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ތަކުގެ މަގުސަދަކީ ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ތަފާތު ހާދިސާތަކަށް ހަރަކާތްތެރިވުމުގައި އަލިފާންނިއްވާ މީހުންނަން ލިބިފައިވާ އިލްމާއި، ހުނަރާއި އަދި އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން އަމަލީ މައިދާނުގައި ސާބިތުކޮށްދޭ މިންވަރު ދެނެގަތުމާއި ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ކުރިމަގުގައި ހައްލުކޮށް ހުނަރުވެރި ކަމާއެކު ރައްޔިތުންނަން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ