ރައީސް ޑރ.ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ޔާމީން ގޮވާލައްވައިފި

ދިވެހިރާއްޖެ މިހާރު މިއޮތް ހިސާބުން އަނެއްކާވެސް އަމާންކަމުގެ ބަނދަރަށް ނައު ގެންދަން ބޭނުންވާ ކަމަށާއި މިމަސައްކަތުގައި ހުރިހާ ޕާޓީތަކުގެ އިތުރުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޓީމް ޔަގީންގެ ފަރާތުން ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި ދިމާވި ހުރިހާ ދަތި ދުވަސްތަކެއްގައި އެންމެ ސާބިތުކަމާއިއެކީގައި މަސައްކަތްކުރި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ރައީސް އަރިހުގައި އެންމެ ސާބިތުކަމާއިއެކީގައި މަސައްކަތްކުރެއްވި ސިޔާސީ ލީޑަރަކީ ވެސް އޭނާ ކަމަށް މިރޭ ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މީގެކުރިން ޔާމީން ވަނީ ރައީސް ޑރ.ވަހީދުގެ ސަރުކާރަށް ފާޑު ވިދާޅުވެ އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަވާފައެވެ.
"މިމަސައްކަތުގައި ހުރިހާ ޕާޓީތައް އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާ، މިމަސައްކަތުގައި ރައީސް ވަހީދު ޕާޓީއާއި އެކީ ވަޑައިގެން އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާ، މަނިކުފާނަށް މަނިކުފާނުގެ ޒައާމަތުގައި ދިމާވި ހުރިހާ ދަތި ދުވަސްތަކެއްގައި އެންމެ ސާބިތުކަމާއިއެކީ މަސައްކަތްކުރި ޕާޓީއަކީ ޕީޕީއެމް، އަދި ޕީޕީއެމްގެ ފަރާތުން މަނިކުފާނު އަރިހުގައި އެންމެ ސާބިތުކަމާއިއެކީގައި މަސައްކަތްކުރި ސިޔާސީ ލީޑަރަކީ ޔާމީން." އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އޭނާއަކީ އެހެން ޕާޓީތަކާއި ކޯލިޝަން ހަދައިގެން މަސައްކަތްނުކުރެވޭ ވަރުގެ ނާގާބިލް މީހެއް ނޫން ކަމަށާއި އެފަދަ އަމިއްލަ އެދުމެއް އޮތް މީހެއް ވެސް ނޫން ކަމަށެވެ.
"މި އިލްތިމާސް ވާނީ އަޅުގަނޑު ރައީސް ވަހީދަށް ކޮށްފައި، ދިވެހި ރައްޔިތުން ހެކިކޮށް އަނެއްކާ މި ދަންނަވަނީ، މި އިލްތިމާސް މީގެކުރިން ކުރެވިފައި އޮތީމައޭ އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން ދިވެހި ރައްޔިތުން އަނެއްކާ ހިންގަވާށޭ ހިތްދަތި ދުވަސްތަކަކަށް އިންތިޒާރުކުރިޔަ ނުދޭން، އަޅުގަނޑުމެން ހިންގަވާށޭ ގުޅިގެން މި މަސައްކަތްކުރަން." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ މިރޭ އެމަނިކުފާނު ސަރުކާރެއްގައި ކުރައްވަން މަސައްކަތްކުރައްވާނެ ތަރައްގީގެ ބައެއް ކަން ކަން ފުވައްމުލަކު ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.
ޔާމީން ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ތަރައްގީއަށް ކުރަން ހުރި ކަންތައްތައް އެނގޭ ކަމަށާއި އެގޮތުން އިޖުތިމާއީ ދާއިރާއިންނާއި ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ކުރަންޖެހިފައި ހުރި ކަންތައްތައް އެތައް ގުނައަކަށް އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ލިބިއްޖެނަމަ އެއްވެސް ރަށެއް އެކަހެރިއެއް ނުވާނެ ކަމަށާއި އެތަން ތަނަށް ދެމުންގެންދާ ހިދުމަތްތައް ދެމުންދާނެ ކަމަށެވެ.
ފުވައްމުލަކުގައި ވެސް އެންމެ ބޮޑު މައްސަލައަކީ ފުވައްމުލަކުގެ ނަރުދަމާގެ މައްސަލަކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ މިއީ ދާއިމީ ހައްލެއް އަންނަންޖެހޭ މައްސަލައެއް ކަމަށާއި އޭނާގެ ސަރުކާރެއްގައި މިކަން ކަމަށް އިސްކަންދޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަދި އޭނާގެ ސަރުކާރެއްގައި ކަންކަން ނިންމާ އެޖެންޑާގައި އެންމެ ފުރަތަމަ އޮންނާނެ ރަށަކީ ފުވައްމަލައް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ