ފަތާ ޓްރެކެއް ހޯދުމަކަށް ރައީސް ޔާމީން އެދިފައެއް ނުވޭ: ޑރ. ޖަމީލް

ފަތާ ޓްރެކެއް ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިފައި ނުވާ ކަމަށް، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ މިހާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލް އެގޮތަށް ވިދާޅުވި އިރު، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް މޫދަށް އެރުމުގެ ފުރުސަތު ނުދެނީ އެ ސަރަޙައްދުގައި ބާރު އޮއިވަރެއް ހުންނާތީ ކަމަށާއި، އެހެންކަމުން މިހާރު މާފުށީގައި ޓްރެކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވެފައި ވަނިކޮށެވެ. އެ މަސައްކަތް ނުނިމި ލަސްވަނީ ފުރަބަންދުގެ ސަބަބުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އެއީ ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލަމުން އަންނަ އިރު، ވަކީލުން ބަދަލު ކުރުމުގެ ފުރުސަތު ނުދީ ޔާމީންގެ އަބުރު ކަތިލުމަށް އިމްރާން ކުރައްވަމުން އަންނަވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ޔާމީން ފަތާ ޓްރެކެއް ހޯދަން ވެސް އަދި އެހެން އެއްޗެއް ހޯދައިދެއްވުމަށްވެސް އެދިވަޑައިގެންފައި ނުވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
އަދި ޔާމީނަށް އެހެން މީހުންނަށް ވެސް ލިބޭ ހައްގެއް ލިބެން ޖެހޭ ކަމަށް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެެވެ.
މާފުށީގައި "ކޮންމެވެސް ވަރެއްގެ" ޓްރެކެއް ހަދައި ފެތޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި،މިހާރު ރާއްޖެ މިއޮތް ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވުމާއެކު ޓްރެކްގެ މަސައްކަތް ނިންމާނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ