ކޮވިޑް-19 އަށް ދޭ ބޭސް އިންޑިއާގެ ކަޅު ބާޒާރުގައި

ނިއު ދިއްލީ (ޖުލައި 8) - ކޮވިޑް-19 ގެ ބަލި މީހުންނަށް ދޭ ދެ ބާވަތެއްގެ ބޭހެއް ކަމަށްވާ ރެމްޑެސިވިއާ ސަޕްލައި މަދުވުމުން އިންޑިއާގެ ކަޅު ބާޒާރުގައި އެ ބޭސްތައް ވިއްކަން ފަށައިފި އެވެ.
ނިއު ދިއްލީގައި ދިިރިއުޅޭ އަބިނާވް ޝަރުމާ ކިޔާ މީހެއްގެ ބޮޑު ބޭބެއަކު ހުން އައިސް ނޭވާލާން އުނދަގޫވުމުން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ. ކޮރޯނާވައިރަހަށް އޭނާ ޕޮޒިޓިވްވުމުން އާއިލާ މީހުން ގާތު ޑޮކްޓަރުން ބުނެފައި ވަނީ ރެމްޑެސިވިއާ ހޯދުމަށެވެ. ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އިމަޖެންސީ ހާލަތުގައި ރެމްޑެސިވިއާ ބޭނުން ކުރަން އިންޑިއާގައި ހުއްދަ އޮވެ އެވެ. އެހެންވެ ޑޮކްޓަރުންނަށް އެ ބޭސް ލިޔެދެވެ އެވެ.
އެކަމަކު ރެމްޑެސިވިއާ ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ބޮޑުބޭބެގެ ހާލަތު ގޯސްވާން ފެށުމުން ކޮންމެ ގޮތެއް ހަދައިފައި ވެސް ރެމްޑެސިވިއާ ހޯދަން ޝަރުމާ އަށް މަޖްބޫރުވި އެވެ.
"އެތައް ބަޔަކަށް ގުޅައިގެން އެންމެ ފަހުން އެ ބޭސް ލިބުނީ ހަތް ގުނަ އަގުބޮޑުކޮށް. ކޮންމެ އަގެއް ވެސް ދޭން އަހަރެން ހުރީ ތައްޔާރަށް. އެކަމަކު އަހަރެން ދެރަވަނީ ފޯރުންތެރިކަން ނެތް މީހުން އެ ބޭސް ހޯދާނެ ގޮތަކާ މެދު،" ޝަރުމާ ބުންޏެވެ.
ބޭސް ވިއްކުމުގައި އުޅުނު މީހަކު ބުނި ގޮތުގައި ރެމްޑެސިވިއާގެ ތިން ފުޅި އޭނާ އަށް ހޯދައިދެވިދާނެ އެވެ. އެކަމަކު ކޮންމެ ފުޅިއެއްގެ އަގަކީ 30،000 ރުޕީސް (401 ޑޮލަރު) އެވެ. އެހެން މީހަކު ބުނި ގޮތުގައި އޭނާ އަށް ފުޅިއެއް 38،000 ރުޕީސް އަށް ހޯދައިދެވިދާނެ އެވެ. އެކަމަކު ކޮންމެ ފުޅިއެއްގެ އާއްމު އަގަކީ 5،400 ރުޕީސް އެވެ. އެ ފަރުވާގައި އާއްމުކޮށް 5-6 ޑޯޒް ދޭން ޖެހެ އެވެ.
ރެމްޑެސިވިއާގެ ޑިމާންޑް ބޮޑުވެފައި ވަނީ ބަލީގެ މުއްދަތު 15 އިން 11 ދުވަހަށް ކުރުކޮށްލަދޭތީ އެވެ.
އެމެރިކާގެ ކުންފުނި ގިލިއާޑުން ރެމްޑެސިވިއާ އުފެއްދީ އެބޯލާ ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ.
ގިލިއާޑުން ކުރިއަށް އޮތް ތިން މަހަށް އުފައްދާ ރެމްޑެސިވިއާގެ ހުރިހާ ބޭހެއް އެމެރިކާ އިން ވަނީ ގަނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ