ބިލުތައް ޑްރާފްްޓް ކުރާާނީ ފަންނީ މުވައްޒަފުން، މެންބަރުންނެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތައް ތަޅުމަށް ބަލައިގަތުމަށް ފަހު، އެ ބިލުތައް ދިރާސާ ކުރުމުގެ މަރުހަލާގައި ބިލަށް ގެންނަން މަޖިލީހުގެ މެންބަރުން ކަނޑައަޅުއްވާ ބަދަލުތަކާއެކު ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާނީ މަޖިލީހުގައި އެ ކަމަށް ތިބި ފަންނީ މުވައްޒަފުން ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ގާތްގަނޑަކަށް ދޮޅު ގަޑިއިރަކަށް މެދުކަނޑާލުމަށް ފަހު ރައީސް ނަޝީދު ވަނީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެއީ މަޖިލީހުގެ ކޮމިޓީތަކުގައި ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، އަވަހަށް އެ މަސައްކަތް ހިންގޭނެ ތާވަލެއް ކަނޑައެޅުމަށް މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ބިލުތައް ދިރާސާ ކުރުމުގައި ކޮމިޓީތަކުން އަމަލު ކުރާނެ ތާވަލެއް ކަނޑައެޅިފައިވާ ކަމަށެވެ. އެ ގޮތުން ބިލު ދިރާސާ ކުރަން ބާއްވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އެ މަސައްކަތް ނިންމާނެ ތާރީހާއި، އާންމުންގެ ހިޔާލު ހޯދާނެ ސުންގަޑިއާއި، ބައްދަލު ކުރަން ނިންމާނެ ފަރާތްތައް ކަނޑައަޅައި ނިންމަން ޖެހޭނެ އެވެ.
ރައީސް ނަޝީދު ދެން ވިދާޅުވީ، ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި މެންބަރުން ދެއްކެވި ވާހަކަތަކުގެ ޔައުމިއްޔާއާއި، ހިޔާލު ހޯދަން ކަމާ ބެހޭ އިދާރާތަކުގެ ވެރިން ހާޒިރު ކުރާ ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، އާންމުންގެ ހިޔާލުތަކުގެ ލިއެކިއުންތައް އިދާރީ މުވައްޒަފުން ދިރާސާކޮށް އޭގައިވާ ހިޔާލުތަކުގެ ހުލާސާއެއް އެކުލާވަން ވާނެ ކަމަށެވެ.
އެ ގޮތަށް ދިރާސާކޮށް އެކުލަވާލައި ހުލާސާގައި ބިލުގެ ކޮންމެ މާއްދާއަކަށް ލިބިފައިވާ ހިޔާލުތައް ވަކިން ލިސްޓް ކުރަން ޖެހޭނެ ކަމަށެވެ. އެއްގޮތްވާ ބާވަތުގެ ހިޔާލުތައް ވެސް ފާހަގަކޮށްފައި އޮންނަން ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ފަހުން މެންބަރުން ނިންމަވާނީ ބިލުގައި ހިމަނާނެ ހިޔާލު ކަމަށާއި ޑްރާފްޓް ކުރާނީ ވެސް އިދާރީ މުވައްޒަފުން ކަމަށެވެ.
"އޭގެ ތެރެއިން ބިލުގައި ހިމަނާނެ ހިޔާލުތައް ނިންމަވާނީ މެންބަރުން. ދެން އިދާރީ މޭޒުން ކުރަން ޖެހޭ މަސައްކަތެއް އެއީ، އެ ހިޔާލުތައް ގާނޫނީ ބަހުރުވައަށް ބަދަލުކޮށް ބިލު ޑްރާފްޓް ކުރުން. ބިލްގެ ޑްރާފްޓިންގެ މަސައްކަތް ކުރުމަށް ވަރަށް ފަންނީ ބޭފުޅުން މި މަޖިލީހުގައި އެބަ ތިއްބެވި. އެ ކަން މެންބަރުން ކުރައްވައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތް ހިންގާނެ ގޮތުގެ އެ ތާވަލުގެ ލިއުމެއް މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނަށް އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ. ވަރަށް އަވަހަށް މަޖިލީހުގެ ހުރިހާ މެންބަރުންނަށް ހިއްސާ ކުރެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ވެބްސައިޓްގައި އެ ތާވަލު ޝާއިއު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ