އުމުރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން މީހުން އުމުރާއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިކަމާ ގުޅޭ މައުލޫމާތު ހިމެނޭ "ޕްރޮޕޯސަލް ފޮތް" މިނިސްޓްރީގެ ކައުންޓަރުން މިއަދުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ގަންނަން ލިބޭނެ އެވެ. މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް އެ ފޮތް ގަނެވޭނެ ކަމަށެވެ. އެ ފޮތުގެ އަގަކީ 5،000 ރުފިޔާ އެވެ.
ޕްރޮޕޯސަލް ހުށަހަޅާ އިރު، ސިޓީ އުރައިގެ ބޭރު ފުށުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ލިޔަން ޖެހޭނެ އެވެ. ޕްރޮޕޯޒަލް ބަލައިގަންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯޒްލް ހުށަހެޅޭނީ ޕްރޮޕޯޒަލް ފޮތް ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން އުމްރާގެ އަޅުމާއި ދެ ހަރަމަށް ޒިޔާރަތްކުރުން މެދުކަނޑާލައިފައި އޮތުމަށް ފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އުމްރާއަށް ދެވޭނެ ކަން ސައުދީ އަރަބިއްޔާ އިން މި މަހު ކުރީކޮޅު އިއުލާނުކުރި އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ސައުދީގެ މި ޕްރޮގުރާމުގައި އަންނަ މަހު އުމްރާއަށް ދެވޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. އެހެން ގައުމުތަކުން އުމްރާއަށް ދެވޭނީ ތިންވަނަ ފިޔަވަހީގައި އަންނަ ނޮވެމްބަރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ