ބިލިއަނުން ހޭދަކޮށް، ހިޔާލު ހޯދަނީ ރައްޔިތުން ހަނާވުމުން: އިދިކޮޅު

ކޮވިޑް-19ގެ ނަމުގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައި ވަނިކޮށް، ބަލިމަޑުކަމުން އަރައިގަތުމަށް ހެލްތު މިނިސްޓްރީން އަމަލުކުރީ އެންމެ ރަނގަޅަށްތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ހިޔާލު ހޯދަން އުޅެނީ "ރައްޔިތުން ހަނާވުމުން" ކަމަށް ބުނެ އިދިކޮޅުން މިއަދު ފާޑުކިޔައިފި އެވެ.
ބަލީގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައިވާ ކަންކަމާ މެދު ސިއްހީ ދާއިރާގެ ކަމާ ގުޅޭ މީހުންނާއި އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުން ވަނީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު ހުޅުވައިލީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ހެލްތު މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ނިންމާފައިވާތީ، އެ ކޮމިޓީގެ ބޭނުމަށް ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުން ހިޔާލު ހޯދަން ހުޅުވާލި އިރު ކޮވިޑުގެ ކަންކަން ބޮއްސުންލައިގެން ގޮސް ރައްޔިތުން ތިބީ ހަނާވެފައި ކަމަށެވެ. ހާލަތު ގޯސްވީ، ސަރުކާރުގެ ކަންކަން ބޮއްސުންލާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ބަލިމަޑުކަމުން އަރައިގަތުމުގައި ސަރުކާރުގެ ގާބިލްކަމެއް ނެތެވެ.
"އެކަމާ އުޅުނީކީ އަދި އުޅެންވާނީކީ އެއް ވުޒާރާއަކުން ނޫން. ސަރުކާރު މިވަނީ ބޮޑު ތަނުން ފެއިލްވެފައި. މަޖިލިސް އިން ހިޔާލު ހޯދަން ހުޅުވާއިރު ރައްޔިތުން ތިބީ ހަނާވެފައި،" އޭނާ ވިދާޅުވި އެވެ.
ކޮވިޑުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ އެއް ވުޒާރާއަކުން ނޫން ކަަމަށް އާދަމް ޝަރީފް ވިދާޅުވިއިރު، ލޮކްޑައުން ލުއިކުރުމާ ހަމައަށް މި ބަލީގެ ކަންކަން ބެލެހެއްޓީ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވާލައިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ހިތްހަމަނުޖެހުމަކީ ކޮވިޑުގެ ނަމުގައި ބޮޑު ހޭދައެއް ކުރިއިރު، ރައްޔިތުންނަށް އެކަމުގެ ފައިދާއެއް ނުވުމެވެ. ޓެކްސް ފައިސާ އިން ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ ޚަރަދުކުރިއިރު އެއް ބިލިއަން ރުފިޔާގެ އެހީ ބޭރު ގައުމުތަކުން ލިބުނު ކަން ވެސް ސަރުކާރުން ހާމަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތަރު ބިލިއަން ޗާޕުކޮށްފި. ގޭގައި ތިބޭށޭ ބުނީމާ ރައްޔިތުން ތިބީ ގޭގައި. ދެން ކޮން ރައްޔިތުންނެއްގެ ހިޔާލު ހޯދަންބާ،"؟ ސައީދު ސުވާލުކުރެއްވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ދަނީ ގޯސްވަމުންނެވެ. މިގޮތަށް ދިމާވަނީ، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަމުންދާ އިރު ސަރުކާރުން އެ ތުހުމަތުތައް ދިފާއުކުރެ އެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގައި ބަލި ފެތުރެން ފެށުމާ އެކު ރާއްޖެ އިން މަސައްކަތް ފެށި އެވެ. އެހެން ގައުމުތަކުގައި ފެތުރުނުހާ އަވަހަށް ރާއްޖޭގައި ބަލި ނުފެތުރުނީ ވެސް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި ކޮމިއުނިޓީ ޓްރާންސްމިޝަނެއް ފެށުނުއިރު ވަސީލަތްތައް ގާއިމްކޮށް ފަރުވާ އަށް ތައްޔާރުވާން ވަގުތު ލިބުނު ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ