ޕްރެޝަރު ބޮޑު މެޗަށް ރެއާލް އޮތީ ތައްޔާރަށް: ޒިދާން

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރާ މެޗަކީ މި ސީޒަނުގައި ރެއާލުން ކުޅޭނެ އެންމެ ޕްރެޝަރު ބޮޑު މެޗު ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
ޒިދާން ބުނީ މި މެޗަކީ މި ސީޒަނުގައި ރެއާލުން ކުޅޭނެ އެންމެ ޕްރެޝަރު ބޮޑު މެޗު ކަމަށާއި، އެކަމަކު މި މެޗަށް ރެއާލުން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
ޒިދާން އިތުރަށް ބުނީ މި މެޗަށް ރެއާލުން ނުކުންނާނީ މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ކަމަށާއި، ރެއާލްގެ ކުޅުންތެރިންނަކީ ޕްރެޝަރު ހެންޑަލް ކުރެވޭނެ ކުޅުންތެރިން ކަމަށެވެ. އަދި ރެއާލުން ކޮވިޑް-19 ގެ ބްރޭކަށް ފަހު ކުޅުނު ކޮންމެ މެޗެއްވެސް ކުޅުނީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށާއި ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ހިތްވަރުން އެކަން އެންމެނަށްވެސް އިނގޭނެ ކަމަށްވެސް ޒިދާން ބުންޏެވެ.
ނިމިދިޔަ ސީޒަނަކީ ރެއާލްގެ ސަޕޯޓަރުން އެންމެ އެދޭފަދަ ނަތީޖާތަކެއް ނެރެދެވުނު ސީޒަނެއް ނޫން ކަމުން، ކުޅުންތެރިންގެ އަޒުމަކީ ސްޕެނިޝް ލީގު ކާމިޔާބުކޮށް ސަޕޯޓަރުން އުފާ ކޮށްދިނުން ކަމަށް ޒިދާން ބުންޏެވެ. އަދި ރެއާލްގެ ސަޕޯޓަރުންނަކީ އަބަދުވެސް ކްލަބަށް ކާމިޔާބަށް އެދޭ ބައެއް ކަމަށާއި، އެހެން ކަމުން ސަޕޯޓަރުން އެދޭފަދަ ނަތީޖާއެއް ނެރެދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
އެންމެ ފަހުން ރެއާލް ކުޅުނު ހަތަރު މެޗުން އެޓީމުގެ އިތުބާރު ފޯވާޑް ގެރެތު ބޭލް ފެނިފައިނުވާއިރު، ޒިދާން ބުނީ މި މެޗުގައި ބޭލް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ބޭލް ހުރީ ރެއާލާއެކު ކާމިޔާބު ހޯދަން ތައްޔާރަށް ކަމަށެވެ.
ވިޔަރެއާލާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ ރެއާލުން ނުކުންނައިރު، ރެއާލަށް ލީގު ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ދެ ޕޮއިންޓެވެ. އެހެންވެ މި މެޗު ކާމިޔާބުކޮށް ރެއާލަށް 34 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.
ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު 36 މެޗުން ލިބުނު 83 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް 36 މެޗުން ލިބިފައިވަނީ 79 ޕޮއިންޓެވެ.
ލީގުގައި ރެއާލާއި ވިޔަރެއާލް ބައްދަލުކުރާ މެޗު ބުރާސްފަތި ދުވަހުގެރޭ ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ