ކައިވެންޏަށް ހުރި ފައިސާ ކޮވިޑްގެ ބަލި މީހުނަށް

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ތަހައްމަލު ކުރަން ޖެހުމުން ބައެއް މީހުންގެ ރަނގަޅު ސިފަތައް ވެސް ދަނީ ހާމަވަމުންނެވެ. އަލަށް ކައިވެނިކުރި ޒުވާން ދެމަފިރިއަކު ވަނީ އިންސާނިއްޔަތަށް ލޯބިކުރާ މިންވަރު ސާބިތު ކޮށްދީފަ އެވެ.
އެރިކް އެންޓަން ލޯބޯ، 28 އާއި މާލިން އަކީ އިންޑިއާގެ މަހަރަޝްތުރާގެ ވަސާއީގެ ނަންދަކަލް އަވަށަށް ނިސްބަތްވާ ދެ މީހުންނެވެ. އެމީހުންގެ އަލަތު ކައިވެނީގެ މުނާސަބާ ފާހަގަކުރީ އެ އަވަށުގައި ހުރި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާކުރާ ހޮސްޕިޓަލަކަށް 50 ހޮސްޕިޓަލް ބެޑާއި އޮކްސިޖަން ސިލިންޑަރު ހަދިޔާ ކޮށްގެންނެވެ.
ލޯބޯ ބުނި ގޮތުގައި އެމީހުންގެ ސަގާފަތާ އެއްގޮތަށް ކައިވެނިކުރާނަމަ 2000 އެއްހާ މެހެމާނުންނަށް ދައުވަތު ދޭން ޖެހެ އެވެ. އަދި ކެއުމަށާއި ބުއިމަށް އަދި ކައިވެނީގެ ހުރިހާ ކަމަކަށް ވަރަށް ބޮޑު ޚަރަދެއް ދެއެވެ. އެހެންވެ ތަފާތު ގޮތަކަށް އެމީހުންގެ ކައިވެނި ފާހަގަކޮށްލަން ޒުވާން ދެމަފިރިން ނިންމީ އެވެ.
ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ގައުމު އޮތުމާއެކު ކައިވެނިކުރާއިރުވެސް 22 މީހުންނަށް ވުރެ އިތުރަކަށް އެ ތަނަކު ނުތިބެވެ އެވެ. އަދި އެންމެން ވެސް ތބެން ޖެހެނީ މާސްކް އަޅައިގެން އެކަކު އަނެކަކާ ފުދޭ ވަރަކަށް ދުރުގަ އެވެ.
ލޯބޯ ބުނި ގޮތުގައި އެމީހުން ދިރިއުޅޭ ހިސާބުން ގިނަ ބަޔަކު ކޮރޯނާވައިރަހުގެ ސަބަބުން ވަނީ މަރުވެފަ އެވެ. އަދި 1500 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ބައްޔަށް ޕޮޒިޓިވް ވެފައި އެބަތިއްބެވެ. އެހެންވެ އެމީހުންގެ ކައިވެނީގެ އުފާ އެމީހުން ބޭނުންވީ އަވަށުގައި ތިބި ހުރިހާ ބަލި މީހުންނާ އެކު ފާހަގަ ކުރާށެވެ. އެގޮތުން ހޮސްޕިޓަލަށް އެނދާއި އޮކްސިޖަން ސިލިންޑަރު ހަދިޔާ ކުރީ އެވެ.
މި ޚަބަރު ބުނާ ގޮތުން ކައިވެނީގެ ރަސްމިއްޔާތު ނިންމާފައި މި ދެމަފިރިން ހޮސްޕިޓަލަށް ދިޔައިރު އެމީހުން އޯޑަރު ކުރި ހުރިހާ ސާމާނެއް ހުރީ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ.
މީގެ ކުރިން މި ދެ މީހުން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ތައްޔާރުކޮށްދޭ ބަދިގެއެއްގައި މަސައްކަތްކޮށް ގިނަ ބަޔަކަށް ކެއުން ފޯރުކޮށްދީފަ އެވެ. އަދި އަމިއްލަ ރަށަށް ދާން ބޭނުން އެތައް ބަޔަކަށް ރަށަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް އެހީތެރިވެދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ