ޑޯޓްމުންޑް ބަލިކޮށް ބަޔާނުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި

ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ 1-0 އިންނެވެ. މި މޮޅާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން 64 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް ލިބިފައިވަނީ 28 މެޗުން 57 ޕޮއިންޓެވެ.
ޑޯޓްމުންޑުގެ ދަނޑުގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ.
އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބަޔާނުން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯޝުއާ ކިމިޗް އެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ލީޑު ފުޅާކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަށެވެ. އެކަމަކު އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ވާދަވެރި ޑޯޓްމުންޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މޮޅެއް ހޯދިއިރު، ލީގުގައި ދެން ބާކީ މި ދެޓީމަށްވެސް އޮތީ 10 މެޗެވެ.
ލީގުގައި ބަޔާނުން ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ އެވެ. އެރޭ ބަޔާން ނުކުންނާނީ ފޯޓޫނާ ޑުސެލްޑޯފްއާ ދެކޮޅަށެވެ. އަދި ޑޯޓްމުންޑް އާދީއްތަ ދުވަހުގެރޭ ނުކުންނާނީ ޕަޑާބޯންއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ