މަންމަ އެނދަކަށް ލައިގެން ޕެންޝަން ފައިސާ ހޯދަން ބެންކަށް

އަންހެނަކު އޭނާގެ 120 އަހަރުވީ މަންމަ ރޯނުފުރި އެނދަކަށް ލައިގެން އެ އެނދު ދަމާފައި ބެންކަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. އިންޑިޔާގެ އޮޑީޝާގައި ހިނގި މި ހާދިސާގައި މި އަންހެންމީހާއަށް އޭނާގެ މަންމަ ބެންކަށް ގެންދަން މަޖްބޫރުވީ އެކައުންޓްގެ ވެރި ފަރާތް ކޮންމެހެން ވެސް ބެންކަށް ހާޒިރުކޮށްގެން ނޫނީ ޕެންޝަން ފައިސާ ނުދޭނެކަމަށް ބެންކުން އެންގުމުންނެވެ.
ލަބޭ ބަގޭލް ނަމަކަށް ކިޔާ 120 އަހަރު ވެފައިވާ މި އަންހެންމީހާ ގޮވައިގެން ބެންކަށް ދިޔައީ އޭނާގެ 70 އަހަރުގެ އަންހެން ދަރި އެކެވެ.
އެ ސަރަހައްދުގެ ސަރުކާރުގެ އިދާރާތަކުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް މިކަން ކުރަން މަޖްބޫރުކުރި ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
މި ރިޕޯޓުގައިވާ ގޮތުން ބޭންކްގެ އޮފިޝަލުން މި ދުވަސްވީ މީހާއަށް ތަފާތު އުނދަގޫތައް ކުރާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އޭނާގެ މަންމަ ދިރިހުރިކަން ސާބިތު ކޮށްދޭން މަންމަ ގޮވައިގެން އައިމަ ނޫނީ ޕެންޝަން ފައިސާ ނުލިބޭނެކަމަށް އެމީހާއަށް އެންގި އެވެ. މިއީ ކިތަންމެ އިންސާނިއްޔަތުކަން ކުޑަ ކަމެއް ނަމަވެސް އަންހެންމީހާ އަށް އޭނާގެ މަންމަ ބެންކަށް ގެންދެވޭނެ އެހެން ގޮތެއް ނެތިގެން މަންމަ އޮތް އެނދުގައި ބާއްވައިގެން އެނދުދަމަމުން ބޭންކާ ހަމަޔަށް ގެންދިޔައީ އެވެ.
މި ޚަބަރުގައިވާ ގޮތުން ދުވަސްވީ މީހާގެ އޭނާގެ 70 އަހަރުގެ ދަރިފުޅު ގުންޖާ ޑެއި ބޭންކަށް ފޮނުވީ އޭނާގެ ޕެންޝަން އެކައުންޓްގައި ހުރި 1500 ރުޕީސް ނަގާށެވެ. ނަމަވެސް ބޭންކް އޮފިޝަލުން އޭނާ އަށް ފައިސާ ދޭން ދެކޮޅު ހެދީ އެވެ. ފައިސާ ދޫކުރެވޭނީ މަންމަ ގޮވައިގެން އައިމަ ކަމަށް ބުނެފަ އެވެ.
ގުންޖާ އަކީ ވެސް އުމުރުން ދުވަސްވެފައިވާ މީހެއް ނަމަވެސް މަންމަ ބޭންކަށް ގެންދެވޭނެ އިތުރު ގޮތެއް އޭނާއަށް ނެތިގެން މިގޮތަށް ކަންތައް ކުރީ އެވެ. ގުންޖާ އޭނާގެ މަންމަގެ އެނދު ދަމަމުން ބެންކަށް ދިއުމުން ބެންކުން ވަނީ އެ ފައިސާ އެ ދެމައިންނަށް ދޫކޮށްފަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯ ވައިރަލް ވުމުން ގިނަ ބަޔަކު ދަނީ ބެންކަށް ފާޑު ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ