އުތީމުގައި ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކުރި ކަމުގެ ތުހުމަތަށް ދެމީހަކު ހައްޔަރުކޮށްފި

1:42
ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށްގެން ބެލި ކަމުގެ ތުހުމަތުގައި ހއ. އުތީމުން ދެމީހަކު ހައްޔަރުކޮށްފި އެވެ.
އެރަށު ދެމަފިރިއެއްގެ ގުޅުންތައް ވީޑިއޯކޮށް ބެލިކަމުގެ ތުހުމަތުގައި މިރޭ އުތީމުން ދެމީހަކު ހައްޔަރުކުރީ އިރާކޮޅު އެވެ. ހައްޔަރު ކުރީ އެ ރަށު ހޭޒްލީން، މުހައްމަދު ހަސަން 26، އާއި ކެތީރޯޒް، އަލީ މުނާޒު 21، އެވެ.
ރަށު ކައުންސިލްގެ ރައީސް އަސްރާރު އާދަމް މިރޭ ވިދާޅުވީ ފުލުހުން މިއަދު އެ ރަށަށް ގޮސް ކައުންސިލް އިދާރާގައި ތިއްބަވައިގެން ތަހުގީގެއް ފެއްޓެވުމަށްފަހު އިރާކޮޅު ދެ މީހަކު ހައްޔަރުކޮށް، ހއ. ދިއްދުއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެދެ މީހުން ހައްޔަރުކުރީ ކީއްވެގެންކަން ކައުންސިލާ ހިއްސާ ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލުގެ އެހެން މެންބަރަކު ވިދާޅުވީ އެފަދަ މައްސަލައެއް އެ ރަށުގެ ދެމަފިރިޔަކު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަން ކައުންސިލަށް ވެސް އެނގިފައިވާ ކަމަށާއި ދެމީހަކު ހައްޔަރުކުރީ ވެސް އެ މައްސަލައިގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލައިގެ ތަފުސީލު އަދި މީޑިއާ އަދި ހިއްސާ ކުރެވެން ނެތް ކަމަށެވެ.
އުތީމުން ވާހަކަދެއްކި މީހަކު ބުނީ އެ ދެ މީހުން ހައްޔަރު ކުރީ ގެއެއްގެ ކޮޓަރީގައި ތިބި ދެމަފިރިއެއްގެ ގުޅުންތައް ދަންވަރުގެ ވަގުތެއްގައި ކެމެރާއަކުން ވީޑިއޯ ކުރަނިކޮށް ފަޅާއަރައިގެން ކަމަށެވެ. އެ މީހުން ވީޑިއޯ ކުރަނިކޮށް ފެނިފައި ވަނީ އެ ދެމަފިރިން އުޅޭ ގޭގެ އެހެން މީހަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އެމީހާ ބުނީ މި ހާދިސާ ހިނގާފައި ވަނީ ރަށުގެ ގިފިލިތަކާއި ކޮޓަރިތަކުގައި ކެމެރާއެއް ހަރުކޮށްގެން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތައް ވެސް ރިކޯޑްކޮށްފައިވާ ކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރިފައިވަނިކޮށް ކަމަށެވެ.
"އެމީހުން އެކަން ކުރަމުންދާ ކަމުގެ ވާހަތަކެއް ރަށުތެރޭގައި ދެކެވޭ. ދެން މީގެ ދެރޭވަރު ކުރިން ދެމަފިރިއެއްގެ ކޮޓަރި ބަލާފަ )ގޯތިތެރޭގައި( ތިއްބާ, އެގޭ ކޮޓަރިއަކުން ފިރިހެނަކު ނުކުތްއިރު، މި ދެ މީހުން ގޯތިތެރޭގައި ތިއްބާ ފެނިގެން ފަޅާއެރީ،" ނަން ނުޖެހުމަށް އެދިފައިވާ އެ މީހާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހުން ފަޅާއެރިއިރު ބަރަހަނާ ވީޑިއޯތަކުގެ އިތުރުން އެ ރަށުގެ ވަރަށް ގިނަ ފިރިހެނުންނާއި އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ވެސް ވެސް ހުއްޓެވެ. އެދެ މީހުން ހައްޔަރު ކުރި އިރު، ވީޑިއޯތަކާއި ފޮޓޯތައް އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ލެޕްޓޮޕެއް ވެސް ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިން ހއ. ފިއްލަދޫ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުންދާ ކަމުގެ ތުހުމަތުގައި ވެސް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ