އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރިވަރު 3.9 އިން 0.7 ޕަސެންޓަށް ދަށްކޮށްފި

މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 3.9 ޕަސެންޓް، 0.7 ޕަސެންޓަށް ވޯލްޑް ބޭންކުން ދަށްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑް ބޭންކުން ލަފާކުރީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 3.9 ޕަސެންޓްގައި ކަމަށެވެ. އެކަމަކު އޭޕްރީލް މަހުގެ ރިވިއުގައި ވަނީ އިގްތިސާދު ކުރިން ލަފާކުރި މިންވަރަށް ވުރެ 3.2 ޕަސެންޓު ދަށްވާނެ ކަމަށް ބަލައިފަ އެވެ.
ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 0.7 ޕަސެންޓަށް ކަމަށް ލަފާކުރި އިރު ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މިއަހަރު އިގްތިސާދު އެންމެ ކުޑަ މިންރަކަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރި ގައުމެވެ.
ރާއްޖޭގެ އިގްތިސާދު އެހާ ބޮޑަށް ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެ، ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ހަނގުރާމައާ ގުޅިގެން މިއަހަރުގެ އިންފްލޭޝަން ރޭޓު ހަ ޕަސެންޓަށް އުފުލޭނެ އެވެ. ހާލަތު މިހެން އޮތް އިރު ކަރެންޓް އެކައުންޓާއި ބަޖެޓު ޑެފިސިޓް އިންތިހާއަށް އުފުލި، ބޭރު ފައިސާއަށް އޮތް ޕްރެޝަރު އިތުރަށް ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
ރާއްޖޭ އެންމެ ފުލުގައި އޮތް އިރު އިގްތިސާދު އެންމެ ބޮޑަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރަނީ އިންޑިއާ އެވެ. އެގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 7.6 ޕަސެންޓަށެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފޯކާސްޓަށް ވުރެ 1.1 ޕަސެންޓް އިތުރު އަދަދެކެވެ. ދެވަނައަށް އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް އެ އިދާރާއިން ލަފާކުރަނީ ބޫޓާނެވެ. އެގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 7.1 ޕަސެންޓުގަ އެވެ.
މިއަހަރު މުޅި ދެކެނު އޭޝިއާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ 6.3 ޕަސެންޓުގައި ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 5.7 ޕަސެންޓުގައި ކުރިއެރި ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. މިދިޔަ އަހަރު ރާއްޖެ ހިމެނުނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑަށް އިގްތިސާދު ކުރިއެރި ގައުމުގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ