ހައިޑްރޯގްރަފީއާ ބެހޭ މަޝްވަރާތަކެއް އިނގިރޭސިވިލާތާއެކު ކުރިއަށްގެންގޮސްފި

ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ހައިޑްރޯގްރަފީއާ ބެހޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ. 
އެ މަޝްވަރާތައް ކުރިއަށްގެންދިޔައީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ނިކް ލޯއާއެކު ބޭއްވި ބައްދަލުވުމެއްގެ އެވެ. 
ހައިޑްރޯގްރަފީއަކީ ސައިންސުގެ އަލީގައި ކަނޑުގެ އަޑި މެޕު ކުރުމާއި ކަނޑު އަޑި ހުރި ގޮތް ދެނެގަތުމަށް ކުރާ ދިރާސާތަކެވެ. ކުރީ ސަރުކާރުން ހައިޑްރޯގްރަފީގެ އެއްބަސްވުމެއް އިންޑިއާއާއެކު ހެދުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އިނގިރޭސި އެމްބެސެޑަރާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކާފައި ވަނީ އަސްކަރީ ގޮތުން ދެ ގައުމުން ގުޅުން ބަދަހި ކުރަން ކަމަށް ޑިފެންސް މިނިސްޓްރީ އިން ހުކުރު ދުވަހު ބުންޏެވެ. އެކަމަކު އެ ބައްދަލުވުމުގައި ހައިޑްރޯގްރަފީގެ ވާހަކަ ދެއްކިކަން އެ ވުޒާރާއަކުން ނުބުނެ އެވެ. 
ޑިފެންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ހައިޑްރޯގްރަފީއާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރިއަށްދިޔަ ކަމަށް ހާމަ ކުރީ އެމްބެސެޑަރު ނިކް ލޯ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައިޑްރޯގްރަފީގެ އިތުރުން ޓެރަރިޒަމް އާއި ސިފައިން ތަމްރީނު ކުރުމާއި ކަނޑުގެ ސަލާމަތްތެރިކަމާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. 
މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ އެމެރިކާއާއެކު އަސްކަރީ ގުޅުން ބަދަހި ކުރަން ވެސް މަޝްވަރާކޮށްފަ އެވެ. އޭގެ އިތުރުން އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ކުރިއަށްގެންދަން ވެސް އެމެރިކާއާއެކު މަޝްވަރާ ކުރި އެވެ. އެ ވާހަކަތަކުގައި ބައިވެރި އެމެރިކާގެ އިސް އޮފިޝަލަކު އޭގެ ފަހުން ވަނީ މާލޭގެ މައި ބަނދަރަށް ޒިޔާރަތްކޮށް، ބަނދަރު ބަދަލު ކުރަން ހަމަޖެހިފައިވާ ތިލަފުއްޓަށް ވެސް ޒިޔާރަތްކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހައިޑްރޯގްރަފީގެ އެއްބަސްވުން އިންޑިއާއާއެކު ހެދުމުން މުއިއްޒު އެކަން ސިފަ ކުރެއްވީ ގައުމަށް ޣައްދާރުވުމުގެ ގޮތުގަ އެވެ. އަދި ވެރިކަމަށް ވަޑައިގެން ޑިސެމްބަރު، 2023، ގައި ހައިޑްރޯގްރަފީގެ އެއްބަސްވުން ކުރިއަށްނުގެންދަން އެމަނިކުފާނު ނިންމެވި އެވެ. 
އޭގެ ފަހުން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ގައުމަކުން ހޯދައި ކުރެހުމަކީ ދިވެހިންނަށް މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށެވެ. 
"ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން،" ޑިސެމްބަރު 16، 2023، ގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ