ޕީޖީން މިދިޔަ އޭޕްރީލް މަހު 232 ދައުވާ ކޯޓަށް ހުށަހެޅިއިރު، 552 ފަހަރު ތަހުގީގީ އިދާރާތަކަށް ލަފާދިން
މިދިޔަ އޭޕްރީލް މަހު، 552 ފަހަރު ތަހުގީގީ އިދާރާތަކަށް ލަފާ ދީފައިވާނެ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް މަހުގެ ނިޔަލަށް، 552 ފަހަރު ތަހުގީގީ އިދާރާތަކަށް އެ އިދާރާއިން ލަފާ ދީފައިވެއެވެ. އޭގެ އިތުރުން، އެކި މައްސަލަތަކުގައި ކޯޓަށް 232 ދައުވާއެއް ހުށަހަޅައިފައިވާނެ ކަމަށާއި، 190 މައްސަލައެއް އޭޕްރީލް މަހުގެ ނިޔަލަށް ބަލައިގެންފައިވާ ކަމަށް، ތަފާސްހިސާބުތަކުގައި ވެއެވެ. އަދި 2،710 އަޑުއެހުމަކަށް އެ އިދާރާގެ ވަކީލުން ހާޒިރުވި ކަމަށް ވެސް، އެ އޮފީހުން އާންމުކުރި އެ ތަފާސްހިސާބުތަކުން ދައްކައެވެ. https://x.com/PGO_MV/status/2057392016691200295 ފާހަގަކޮށްލެވޭ ގޮތުގައި 2018 އިން 2021 ވަނަ އަހަރުގެ ނިޔަލަށް ޕީޖީ އޮފީހުން ދައުވާކުރުމާ ގުޅޭ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ އޮޑިޓުން ހާމަވާ ގޮތުގައި ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު، ޕީޖީ އޮފީހުން ގަވައިދުން މުރާޖައާއެއް ނުކުރެއެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. https://sun.mv/199362 ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާ ވިދިގެން، ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދިވެހި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، އެ އޮފީހުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފައެވެ. އެގޮތުން، މި މަހުގެ ނިޔަލަށް ކޮންމެ އަންގާރަ ދުވަހަކީ އެ އިދާރާގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވާ ގޮތަށާއި، އިދާރާ ހުޅުވައިފައި ހުންނަ ވަގުތު މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ. https://sun.mv/220239 އެކަމަކު ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށާއި، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ