ބޭންކުތަކުގެ މާލީ ހިސާބުތައް | 2.5 ބިލިއަންގެ ފައިދާ، 825 މިލިއަން ޓެކުހަށް

ބޭންކުތަކަށް ސެޕްޓެންބަރުގެ ނިޔަލަށް 5.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ހަރަދުތައް ކެނޑުމަށްފަހު ޓެކުހަށް 825.1 މިލިއަން ރުފިޔާ ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބޭނީ ޖުމްލަ 2.5 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު އާމްދަނީގެ ޓެކުހުގެ ގޮތުގައި 825.1 މިލިއަން ރުފިޔާ ދައްކާފައިވާކަން މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 
އެމްއެމްއޭއިން ކޮންމެ މަހަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު، ބޭންކުތަކަށް ސެޕްޓެންބަރު މަހުގެ ނިޔަލަށް 5.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައަކީ އިންޓަރެސްޓުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. 
އިންޓަރެސްޓު ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ ތެރެއިން ފީތަކާއި ކޮމިޝަނުގެ ގޮތުގައި 1.6 ބިލިއަން އަދި މާލީ އެކި އިންސްޓްރޫމެންޓުތަކުގެ ފައިދާގެ ގޮތުގައި 136.6 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 65.9 މިލިއަން ރުފިޔާ ލިބުނެވެ. 
ބޭންކުތަކުގެ ހިންގުމުގެ ހަރަދުތަކާއި އެހެނިހެން ހަރަދުތަކާއި އިންޓަރެސްޓާ ގުޅުންހުރި ހަރަދުތައް އުނިކުރުމަށްފަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ. އެއިން 825 މިލިއަން ރުފިޔާ ބޭންކުތަކުންވަނީ އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކާފަ އެވެ. 
އެހެންކަމުން ބޭންކުތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ ޖުމްލަ އާމްދަނީގެ 15.3 އިންސައްތަ އެވެ. އަދި އެއީ ހަރަދުތައް ކެނޑުމަށްފަހު ލިބުނު ފައިދާގެ 24.7 އިންސައްތަ އެވެ. 
ބޭންކުތަކުގެ ހިންގުމުގެ ހަރަދާއި ޓެކުހާ ގުޅުންހުރި ހަރަދުތައް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކުތަކަށް މި މުއްދަތުގައި 2.5 ބިލިއަން ރުފިޔާ ލިބުނުކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ