މިފަހަރު ވެސް މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ޚާއްސަ ޕްރޮގްރާމްތަކެއް!
މިއަހަރު ވެސް މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ޚާއްސަ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ހަމަޖެހިއްޖެއެވެ. މާދަމާ ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީގެ ހެނދުނު ޝޯ ކަމަށްވާ 'ސައިގަޑި' ވެސް ޚާއްސަކުރަނީ މަސްވެރިންގެ ދުވަހަށެވެ. އެގޮތުން މަސްވެރިކަމާ ގުޅުންހުރި ތަފާތު މައުލޫމާތާއި ބައެއް އާންމުންގެ ޚިޔާލު ގެނެސްދެވޭނެއެވެ. އެއަށްފަހު މާދަމާގެ 11:00ގައި 'ފައިސަލްގެ ތަރުބިއްޔަތާއި ފިލާވަޅު'ގެ ނަމުގައި މަސްވެރިކަމާ ގުޅުންހުރި ޚާއްސަ ޕްރޮގްރާމެއް ގެނެސްދޭނެއެވެ. މި ޕްރޮގްރާމުގައި ފައިސަލް އޭނާގެ ދަރީން ތަރުބިއްޔަތު ކުރުމަށް މަސްވެރިކަމާ ގުޅުންހުރި އޭނާގެ ކުޑައިރުގެ ތަޖުރިބާތައް ކިޔައިދޭނެއެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ގެނެސްދޭ 'ފައިސަލްގެ ތަރުބިއްޔަތާއި ފިލާވަޅު' ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ސަން އެ ޕްރޮގްރާމަށް ފަހު މާދަމާގެ މެންދުރު ފަހު 14:30 ގައި 'ޝިޔާމް ކަނޑު މަހަށް' މި ނަމުގައި ޚާއްސަ ޕްރޮގްރާމެއް ގެނެސްދޭނެއެވެ. މި ޕްރޮގްރާމްގައި 40 އަހަރު ފަހުން ޝިޔާމް ކަނޑުމަހަށް ނުކުމެ އުޅޭ މަންޒަރު ފެނިގެންދާނެއެވެ. މީގެ އިތުރުން ހަފުތާގެ ފަސް ދުވަހު ގެނެސްދޭ އެސްއެސްޓީވީގެ ކަރަންޓް އެފެއާޒް ޕްރޮގްރާމް 'ބާރު ހަތަރެއް' ވެސް މަސްވެރިންގެ ދުވަހަށް ޚާއްސަކޮށްފައިވާނެއެވެ. ރޭގަނޑު ގެނެސްދޭނެ އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި 'މ. މަޑުއްވަރީ ހަލީމްގެ މަސްވެރިކަމުގެ ވިޔަފާރި' ޕްރޮގްރާމް، 22:00ގައި ދައްކާނެއެވެ. މި ޕްރޮގްރާމްގައި ކާމިޔާބު މަސްވެރި ވިޔަފާރިއެއް ކުރިއަށް ގެންދާ ގޮތާއި، އާމްދަނީ ހޯދުމަށް އެއީ ކިހާ ރަނގަޅު މަސައްކަތެއްކަން ދައްކުވައިދޭނެއެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން އެސްއެސްޓީވީން ގެނެސްދޭ 'ފެލިވަރު ނާޒިޔާ' ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ސަން ހަމައެއާއެކު 22:30ގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފެލިވަރު ފެކްޓްރީގެ ވާހަކަ، ފެލިވްރު ފެކްޓަރީގެ ރީޖަނަލް މެނޭޖަރު މިޝާލް އަހުމަދުގެ ޚާއްސަ އިންޓަވިއުއެއްގައި ގެނެސްދެވޭނެއެވެ. އަދި 22:45ގައި 'ފެލިވަރު ނާޒިޔާ' ޕްރޮގްރާމް ގެނެސްދޭނެއެވެ. މީގެ އިތުރުން ވެސް މަސްވެރިންގެ ދުވަހާ ގުޅޭ އިތުރު ޕްރޮގްރާމްތައް މުޅި ދުވަހު އެސްއެސްޓީވީން ފެނިގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ވެސް އެސްއެސްޓީވީން ގެނެސްދޭ ޕްރޮގްރާމްތައް މަސްވެރިންގެ ދުވަހަށް ޚާއްސަކުރިއެވެ. އެސްއެސްޓީވީން އަބަދުވެސް މަސައްކަތްކުރަނީ އާއްމު ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި، ދިވެހީންގެ ސަގާފަތް ދައްކުވައިދޭ ކަންކަން ބެލުންތެރީންނާ ހަމައަށް ގެނެސްދިނުމަށްޓަކައެވެ. އެގޮތުން މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށްވުމާއި، ދިވެހީންނާ ގުޅުން ހުރި ކަމަކަށްވުމުން މިއަހަރުގެ ވެސް ޑިސެމްބަރު 10ވާ ބުދަ ދުވަސް ވެސް އެސްއެސްޓީވީން ޚާއްސަކޮށްލަނީ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންނާ ގުޅުންހުރި ތަފާތު ޕްރޮގްރާމްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ