އިންގްލެންޑާއި ފްރާންސް އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފި އިންގްލެންޑާއި ފްރާންސް އިން ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފި

ލަންޑަން (ނޮވެމްބަރު 14) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިންގްލެންޑާއި ފްރާންސް އިން އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފި އެވެ.
ކޮލިފައިން ގްރޫޕް ކޭގައި ރޭ އިންގްލެންޑުން ވަނީ 2-0 އިން ސާބިއާ އަތުން މޮޅުވެފަ އެވެ. އިންގްލެންޑުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެންނެވެ. ކޮލިފައިން ގްރޫޕް ޑީގައި ރޭ ފްރާންސް އިން ވަނީ 4-0 އިން ޔޫކްރެއިން ބަލިކޮށްފަ އެވެ. ފްރާންސް އިން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ކުޅޭ އިންގްލެންޑުން ރޭ މޮޅުވީ ބުކާޔޯ ސަކާ އާއި އެބެރެޗީ އެޒޭ ޖެހި ގޯލުތަކުންނެވެ. މި މެޗުގައި އެޒޭ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފިލް ފޯޑެން އެވެ. ސަކާ ވޮލީ އަކުން ފުރަތަމަ ހާފުގައި ލަނޑު ޖެހިއިރު، އެޒޭ މެޗުގެ ފަހު މިނިޓްގައި ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފްރާންސް އިން ޔޫކްރެއިން ބަލިކުރި ހަތަރު ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ވަނީ ޕެނަންކާ ޕެނަލްޓީއެއް ހިމެނޭ ގޮތަށް ދެ ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ ހޫގޯ އެކިޓީކޭ އާއި މައިކަލް އޮލީސޭ އެވެ. މީގެ ތެރެއިން، ލިވަޕޫލްގެ ފޯވާޑް އެކިޓީކޭ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެމްބާޕޭ ޖެހި ގޯލާ އެކު، ކެރިއަރުގައި 400 ގޯލު ހަމަކުރިއިރު، މިއީ ގައުމީ ޓީމަށް ޖަހައިދިން 55 ވަނަ ލަނޑެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދީގެން އޮލިވިއޭ ޖިރޫ، ރެކޯޑް ހަދާފައި އޮތީ 57 ލަނޑާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ