އެންމެ ނުބައި އެއް ފިތުނައަކީ ހެވާއި ނުބައި ވަކިކުރަން ނޭނގުން: ޑރ. ޝަމީމް

ފިތުނައިގެ ބާވަތްތަކުގެ ތެރެއިން އެންމެ ނުބައި އެއް ފިތުނައަކީ ހެވާއި ނުބައި ވަކިކުރަން ނޭނގުން ކަމަށް، ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. އަލީ ރަމީޒުގެ 'މަންފާ' ޖަމިއްޔާއިން އިންތިޒާމުކޮށްގެން "ފިތުނަ"، މި މައުޟޫއަށް އާޓިފިޝަލް ބީޗުގައި ދެއްވި ދީނީ ދަރުސްގައި ޝަމީމް ވިދާޅުވީ, ދުނިޔެއަކީ އިމްތިހާނުގެ ގޯތި ކަމަށާއި، ދުނިޔެއަކީ ތަފާތު ފިތުނަތަކުން ބަރާވެފައިވާ ތަނެއް ކަމަށެވެ. ކީރިތި ޤުރުއާނުން އާޔަތެއް އިއްވަވައި ޝަމީމް ވިދާޅުވީ، ދުނިޔޭގައި ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެއް ކަމަށާއި، އޭގެން ކޮންމެ ކަމަކީ މާތްاللهގެ އިރާދަފުޅުން ވާ ކަންކަން ކަމަށެވެ. "އުފަލާއި ހިތާމަ، އިމްތިހާނެއް، ތަނަވަސްކަމާއި ދުޅަހެޔޮކަމާއި ފާގަތިކަން، އިމްތިހާނެއް، އަތްމަތި ދަތިވުމާއި ފަގީރުކަމާއި ބަލިހާލު ބޮޑުވުމަކީވެސް އިމްތިހާނެއް، ބާރުލިބި މީހާ ކުރިއަރައި ދިއުން، ނުވަތަ ނިކަމެތި މީހެއް ގޮތުގައި ދުނިޔެމަތީގައި ހުރުން އެއީވެސް އިމްތިހާނެއް،"ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ޝަމީމް ވިދާޅުވީ އިންސާނުން އިމްތިހާނުކުރަނީ ދޮގުވެރިންނާއި ތެދުވެރިން ފާޅުކުރުމަށްޓަކައި ކަމަށާއި، އިންސާނުން ކުރައްވާ ހުރިހާ ކަމެއްވެސް މާތް الله ދެނެވޮޑިގަންނަވާ ކަމަށެވެ. ސަލާމާއި ޞަލަވާތްލެއްވި އާދަމްގެފާނާއި ޙައްވާގެފާނާއި އޭގެ ފަހުން ވަޑައިގެންނެވި ނޫޙުގެފާނާއި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި މޫސާގެފާނުގެ ޒަމާނުގައި ހިނގި ކަންކަމަށް އަލިއަޅުވާލެއްވުމަށްފަހު ޝަމީމް ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް އަލިއަޅުވާލައްވައިފައެވެ. ހަމަ އެހެންމެ ކީރިތި ރަސޫލާއަށް ގިނަގުނަ އިމްތިހާނުތައް މާތް الله މިންވަރުކުރެއްވި ކަން ޝަމީމް ފާހަގަކުރެއްވިއެވެ. "ދެމަފިރިން ދޭތެރޭ ހުންނަ ހަމަނުޖެހުންތަކާއި މައިންބަފައިންނާއި ދަރިންނާ ދޭތެރޭ ހުންނަ ކުދިކުދި ކަންތައްތަކާއި ރަށްޓެހިންނާއި އަވަށްޓެރިންނާ މެދުގައި ހުންނަ ކުދިކުދި މައްސަލަތަކަކީ ނަމާދާއި ޒަކާތާއި ރޯދައާއި ހެޔޮ އަމަލުތަކުން މާތް الله ކައްފަރާއެއް ކަމުގައި ލައްވަވައި ފުއްސަވާ ކަންތައްތަކެއް، އެހެންނަމަވެސް އޭގަވެސް ބޮޑެތި ފާފަތައް ނުރައްކާތެރިވާނެ، އެކަންކަމުން ތައުބާވާން ޖެހޭ، އެކަމަކު ޞާލިހު އަމަލުތައް ގިނަ ފާފަތައް ފޮހެދޭ،"ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ޝަމީމް ވިދާޅުވީ، ކޮންމެ މީހެއްގެ ޒިންމާއެއްގައިވާ މީހުންގެ މެދުގައި އުފެދޭ ފިތުނަތައް ދުވަހުން ދުވަހަށް ބޮޑުވެ، ފެތުރިގެން ދާނެ ކަމަށާއި، އެކަމަކު ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަ ހިފުމަކީ ފިތުނަތަކަށް އޮތް ކައްފާރައެއްގެ ގޮތުގައި މާތް الله ލައްވަވާ ކަމަށެވެ. ޝެއިޚް އިތުރަށް ވިދާޅުވީ ކޮންމެ އިންސާނަކުވެސް ފިތުނައިގައާއި އިމްތިހާނުގައި ޖެހޭނެ ކަމަށާއި، ފިތުނައާއި ފާފައިގެ ސަބަބުން ހިތް ކަޅުވެއްޖިއްޔާ އީމާންކަމާއި ހަރުދަނާކަން ހަރުނުލާނެ ކަމަށާއި، މިހިސާބަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ސަމާލުވާން ޖެހޭނެ ކަމަށެވެ. "އެންމެ ބޮޑު ނުރައްކާތެރި ފިތުނައަކީ ތިބާއަށް ހެޔޮ ނުބައި މަސްހުނިކޮށް ހުށަހެޅުމެވެ، ނުވަތަ ފެނުމެވެ، ހެޔޮ ނުބައި ވަކިކުރަން ނޭނގުމެވެ،" ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނަ އިއްވަވައި ޝަމީމް ވިދާޅުވިއެވެ. "ފިތުނައަކީ އެހާ ބޮޑު، އެހާ ގިނަ، އެހާ ބިރުވެރި ނާމާން އެއްޗެއް،"ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް ޝަމީމް ވިދާޅުވީ، ބަހާއި އަމަލުގައި އިޚުލާސްތެރިވެ، އިޚުލާސްތެރިކަމަށް އަހައްމިއްޔަތުކަން ދޭން ޖެހޭނެ ކަމަށާއި، ނޫން ނަމަ ނިފާޤުކަމުގެ ބަލިކަން އިންސާނާގެ ހިތަށް ވަދެއްޖެނަމަ، އިންސާނާގެ ހުރިހާ ހެޔޮ ކަމެއް ފިލައިދާނެ ކަމަށެވެ. އެއާއެކު، ވައުދާއު އަހުދު ފުއްދުމަށް އެއްބަސްވުމަށްފަހު އެ ވައުދަކަށް ވަފާތެރިނުވުމަކީ މުނާފިގުކަމުގެ ސިފައެއް ކަމަށް ވިދާޅުވެ، ވައުދުވާން ވާނީ ވައުދެއް ފުއްދުމުގެ ނިޔަތުގައި ކަމަށް ޝަމީމް ވިދާޅުވިއެވެ. ހަމަ އެއާއެކު ދަރިންނަށް ހެޔޮ މަގަށް މައިންބަފައިން މަގު ދައްކައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ދަރިންނަށް ތެދުމަގު ނުފެނި މަގުފުރެދިއްޖެ ނަމަ މާތްالله ގެ ޙަޟްރަތުގައި ގިޔާމަތް ދުވަހު މައިންބަފައިންނަށާއި ދީނީ އިލްމުވެރިންނަށް ދަރިން ދައުވާކުރާނެ ކަމަށެވެ. އެހެންވެ އެކަމާ މެދު ބެލެނިވެރިން ސީރިއަސްކޮށް ވިސްނުމަށް ޝެއިޚް އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ