ފުރަތަމަ ޕީސީއޭ އެވޯޑު ޑރ. ނާއިލާއަށް
ޕޭޝަންޓް ކެއާގެ ފުރަތަމަ ޕީސީއޭ އެވޯޑު، އަންހެނުންގެ ބަލިތަކުގެ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު ނާއިލާ މުޙައްމަދު ދީދީއަށް ދީފިއެވެ. ރޭ މީރުމާ ހޯލުގައި ބޭއްވި "ގާލާ ނައިޓު"ގައި މި އެވޯޑު ޑރ. ނާއިލާއާ ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ޑރ. ނާއިލާއަކީ ސޯސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ)ގެ ކޯ ފައުންޑަރު ކަމަށްވާއިރު، އަންހެނުންގެ ސިއްހަތާއި ދަރިމައިވުމުގެ ކަންކަމަށް ފަރުވާ ދިނުމުގައި ގިނަ އަހަރުތަކެއް ވަނީ ހޭދަކުރައްވާފައެެވެ. އެ ރަސްމިއްޔާތުގައި ވަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ދެވަނަ ޕްރޮޖެކްޓު، ޕޭޝަންޓު ކެއާ އެވޯޑްސް މޯލްޑިވްސް (ޕީސީއޭ)އާއި މެގަޒިންއެއް ލޯންޗުކޮށްފައެވެ. އެ ކަންކަން ލޯންޗުކޮށްދެވީ ވެސް ހެލްތު މިނިސްޓަރު ނާޒިމެވެ. ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ރޭ ބޭއްވި ގަލާ ނައިޓުގައި ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރަށް އެ ޖަމިއްޔާގެ ފައުންޑަރު އާޝާ ބައިވެރިވެޑައިގަންނަވަނީ --- ފޮޓޯ/ ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ އެ މެގަޒިންގެ ތެރެއިން ސިއްހަތާ ގުޅުން ހުރި ސައްހަ މައުލޫމާތުތައް ބަލި މީހުންނާއި މުޖުތަމައަށް ގެނެވޭނެ ކަމަށް އެ ޖަމިއްޔާއިން އުންމީދުކުރެއެވެ. އޭގެ އިތުރުން، އަންނަ އަހަރު ދެމަފިރިން އައިވީއެފްގެ ޚިދުމަތަށް ފޮނުވުމަށް، އިންޑިއާގެ މިލާން ސްޕެޝަލިޓީ ހޮސްޕިޓަލާއި ފާޓިލީ ސަޕޯޓް ކޮމިއުނިޓީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފާޓިލީ ސަޕޯޓް ކޮމިއުނިޓީގެ ފައުންޑަރު، ރައީސް އާޝާ ހުސައިނާއި މިލާން ފާޓިލިޓީ ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަންޖަލީ އަޖައިކުމާރެވެ. މި ހަފުލާގައި އާޝާ ދެއްކެވި ވާހަކައިގައިވަނީ ޔާމީ ފާޓިލިޓީން ވެސް އެ ޖަމިއްޔާގެ ފަންޑަށް އެހީ ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އެހީވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއަކީ ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީ ސައްހަ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ، ހިތްވަރުދިނުމަށްޓަކައި ޖަނަވަރީ 27، 2021 ގައި ރަޖިސްޓްރީކުރި ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ