ހުޅިދޫ އަނބުރާ ދިނުމަށް އެދި ވ. އަތޮޅު ރައްޔިތުން ކަނޑުމަތީގައި އަޑުއުފުލައިފި

ދަނޑުވެރިކަމަށް ސަރުކާރުން ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި އަތޮޅުގެ ގިނަ ބަޔަކު ކަނޑުމައްޗަށް ނުކުމެ މިއަދު އަޑުއުފުލައިފިއެވެ. މިއަދު ކަނޑުމަތީގައި އޮތް އަޑުއުފުލުމުގައި ގިނައިން ބައިވެރިވީ ވ. އަތޮޅުގެ ރަށްތަކުގެ ގެސްޓުހައުސްތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ވ. ފުލިދޫ އާއި ތިނަދޫ އާއި ފެލިދޫ އާއި ކެޔޮދޫގެ އިތުރުން ރަކީދޫގެ ގެސްޓްހައުސްތަކާއި އާއްމު ރައްޔިތުން ބައިވެރިވިއެވެ. ވ. އަތޮޅު ރައްޔިތުން ކަނޑުމަތީގައި އަޑުއުފުލުމުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް އެގޮތުން އެ އަޑުއުފުލުމުގައި ބައިވެރިވި ވ. ކެޔޮދޫގެ ގެސްޓް ހައުސްއެއް ކަމަށްވާ ވައިޓް މާކަނާ ލޮޖުގެ ވެރިޔާ މިއަދު "ސަން"އަށް ވިދާޅުވީ ހުޅިދޫއާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ދުވަސްވީ ކަމެއް ކަމަށެވެ. ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ނާންނާތީ ހުރިހާ ރައްޔިތުން ވެސް އެކަމާ ނުރުހުން ވާކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ވިސްނާފަ އޮތީ ސިލްސިލާކޮށް އަޑުއުފުލަން. މިއަދަށް އަޅުގަނޑުމެން ނިންމާލިޔަސް އަދިވެސް ކުރާނަން. އަޅުގަނޑުމެން އަޑުއުފުލީ ހުޅިދޫގެ ފަޅަށް ނުވަދެ އެރަށް ކައިރީގައި،" އޭނާ ބުންޏެވެ. ވ. އަތޮޅު ރައްޔިތުން ކަނޑުމަތީގައި އަޑުއުފުލުމުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް އޭނާ ވިދާޅުވީ ހުޅިދޫ އަކީ ވ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ޕިކްނިކް ގޮސް މަޖާކޮށްލަން ދެވޭނެ ހަމައެކަނި ރަށް ކަމަށެވެ. ނަމަވެސް އެ ރަށުގެ ރީތިކަން ނައްތާލައި ކަނޑޫފާވެސް ހަލާކުކޮށްލައި އަދި އެ ރަށުގެ ފަރު ހަލާކު ކޮށްލައިފައިވާތީ އެކަމާ ނުރުހެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަށް އަނބުރާ ހޯދަން މަސައްކަތްކޮށް އަޑު އުފުލާ އެންމެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހުޅިދޫ މިހާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބައްޕަގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށެވެ. އެ ރަށް ވ. އަތޮޅުގެ ރައްޔިތުން އަނބުރާ ހޯދުމަށް އިދާރީގޮތުން ވެސް އެކި ކައުންސިލުތަކުން މަސައްކަތް ކޮށްފައިވާއިރު އެކަން ނުވެގެން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށް އޭނާ ތުހުމަތުކުރެއެވެ. ހުޅިދޫގެ ފަރަށާއި ކަނޑޫފާއަށް ދީފައިވާ ގެއްލުންތަކާ ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަ ޖެނަރަލް އިބްރާހީމް ނައީމް މިރޭ "ސަން"އަށް ވިދާޅުވީ އެ ރަށަށް ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަން ޖެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އެއްވެސް ފަރާތަކުން ގެއްލުން ދިންކަމަށް އެއްބަސް ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ. "ސަމާލުކަމަށް އައިސްފަ ވަނީ. ވާހަކަވެސް ދައްކަމުން މިދަނީ. އެއްވެސް ކޮޅަކުން އެއްބަހެއް ނުވޭ. ދެން ޖެހޭނީ ގޮއްސަ ބަލާކަށް ނޫންތޯ،" އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ހުޅިދޫ އަކީ މީގެ އަހަރުތަކެއް ކުރިން ދަނޑުވެރިކަން ކުރުމަށް ދީފައިވާ ރަށެކެވެ. ނަމަވެސް އެއްވެސް ކަމެއް ނުވެ އެ ރަށް ދޫކޮށްފައިވާ އެއްބަސްވުން ވެސް މިހާރު ވަނީ ބާތިލް ވެފައެވެ. ވ. އަތޮޅު ރައްޔިތުން ކަނޑުމަތީގައި އަޑުއުފުލުމުގެ ތެރެއިން --- ސަން ފޮޓޯ/ ކިޔުންތެރިއެއް ނަމަވެސް އޭގެ ފަހުންވެސް އެ ރަށް އެ އަތޮޅުގެ ރައްޔިތުންނަށް ނުލިބޭތީ އެކަމުގެ ޝަކުވާތައް ގިނައެވެ. ވ. އަތޮޅުގައި މީހުން ޕިކްނިކް ގޮސް މަޖާކުރެވޭނެ ރަށެއް ގާއިމުކޮށް ހުޅިދޫ އަނބުރާ އެ އަތޮޅުގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ދައުރު ނިމެންދާއިރުވެސް އެކަން ވެފައި ނުވާތީ އެކަމާ ހިތްހަމަނުޖެހުންފާޅުކޮށް އެ އަތޮޅުގެ ރައްޔިތުން މިއަދު އަޑުއުފުލީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ