ބަނގުރާ ގަވާއިދު އަނބުރާ ގެންދިއުމަށާއި، ނޫންނަމަ ސަރުކާރު ވައްޓާލާނެ ކަމަށް އެތައްހާސް ބަޔަކު ގޮވައިފި

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމަށް އާއްމުކުރި ގަވާއިދު އަނބުރާ ގެންދިއުމަށާއި، ނޫންނަމަ ސަރުކާރު ބަދަލުކުރާނެ ކަމަށް، އެތައްހާސް ބަޔަކު މިއަދު ގޮވައިފި އެވެ.މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާ ދެކޮޅަށް އަދާލަތު ޕާޓީ އާއި 90 އަށްވުރެ ގިނަ މަދަނީ ޖަމިއްޔާ ގުޅިގެން ހެންވޭރު ޕާކު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ބައިވެރިވި އެތައްހާސް ބަޔަކު ވަނީ ސަރުކާރުގެ އެ ސިޔާސަތަށް ފާޑުކިޔައި އަޑު އުފުލައިފައި ވެ އެވެ. ހުރިހާ ނުބައި ކަމެއްގެ މަންމަޔަކީ ރާ ކަމަށާއި، ސަރުކާރަށް ވޯޓުދިނީ ރާ ހުއްދަކުރުމަށް ނޫން ކަމަށާއި، ރަލަށް ގައުމު ވިއްކާނުލުމަށް ލިޔެފައިވާ ބޯޑުތައް ހިފައިގެން އެ މީހުން ގޮވަމުންދިޔައީ ރާއްޖެއަށް ބަނގުރާ ބޭނުންނޫން ކަމަށާއި، ރާއްޖެއިން ބަނގުރާ ބޭރުކުރުމަށެވެ.މި މުޒާހިރާގައި ވާހަކަ ދައްކަވަމުން، ސަރުކާރާ އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ އިސްތަރުޖަމާނު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުން ހުއްދަކޮށްފިނަމަ އެންމެ ފުރަތަމަ ސަރުކާރުން އިއްތިއުފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެހެން ވެއްޖެނަމަ އޭނާއާއެކު އެތައް އަހުންތަކެއް އިއްތިއުފާ ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.އަދާލަތު ޕާޓީގެ އިސް އިލްމުވެރިއެއް ކަމުގައިވާ ޝައިހު އިލިޔާސް ހުސެއިން ވެސް ވިދާޅުވީ ސަރުކާރު ބަދަލުކުރީ ސީދާމަގުން ހިނގުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުން އެއާ ހިލާފް ވެއްޖެނަމަ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ޖެހިލުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރާ ދެކޮޅަށް ބަސް ބުނުމުގެ ފުރުސަތު ދިނީ ސަރުކާރުން ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ޝެއިހް އިލިޔާސް ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މިއަދުގެ ރޭޑިއޯ އެޑްރެހުގައި ބަނގުރަލާ ބެހޭގޮތުން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ ގާނޫނީ މުޝީރު އަސަދުﷲ ޝާފިއީ ވެސް ވިދާޅުވީ، އެގޮތަށް ސަރުކާރުން ކަންތައް ކުރިއަށް ގެންދާނަމަ ރައްޔިތުން ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށެވެ.މި އެއްވުމުގައި ވާހަކަ ދެއްކި ހުރިހާ އެންމެން ވެސް ބަނގުރާ ހުއްދަކުރުން ހުއްޓުމަށް ސަރުކާރަށް ވަނީ ގޮވައިލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ