އިގްތިޞާދު ވަރުގަދަކުރުމުން ބައިނަލްއަގުވާމީ މުޖުތަމުގައި ގަދަރު އުފުލޭނެ – ޔާމީން

ރާއްޖޭގެ އިގުތިޞާދު ވަރުގަދަ ވުމުން ދޭދޭގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ގަދަރު އުފުލިގެން ދާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީޕީއެމްއިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މާހެފުމެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާދައިގެ ރައްޔިތުމީހާ އުޅެނީ ކަރަންޓްބިލް ވެސް ނުދެއްކިގެން ކަމަށާއި އިގުތިޞާދީ ވާހަކަ އަބަދު ދައްކަން ޖެހެނީ އެހެންވެގެން ކަމަށެވެ.
އަޅުގަނޑުމެންގެ ވަކިވަކި ފަރުދުން މީހުން މީހުންގެ ކައިރިއަށް ޞަދަގާތައް އެދި ދާފަދައިން ދިވެހި ދައުލަތް އެކި ގައުމުތައް ކައިރިއަށް ޞަދަގާތައް ނުވަތަ އެހީއަށް އެދި ބައިނަލްއަގުވާމީ އެކި މުޖުތަމައުތައް ކައިރިއަށް ދިއުން އެއީ އާދައަކަށް ހަދައިގެން އެކަން ކުރަން ބޭނުންނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށް ވީނަމަވެސް ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިހުތިރާމާއި ކަރާމާތް އަދި ގަދަރު ލިބިގެންވާ ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. މި މަސައްކަތް އަޅުގަނޑުމެން ކުރާނީ އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއި އެކީ ސެޕްޓެމްބަރު 7ގައި ނަގާ ވޯޓު ކާމިޔާބުވެގެން" ޔާމީން ވިދާޅުވިއެވެ.
އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއިއެކު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރު ވެގެންގޮސްފައިވާކަމަށާއި އެކަމަށް ނިމުމެއް ގެންނަންޖެހޭ ކަމަށާއި ނަމަވެސް ޖީއެމްއާރަށް އަނބުރާ ދިވެހި އެއާރޕޯޓް ދިނުމަކީ އެކަމަށް އޮތް ހައްލުކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެކަމަށް އޮތް ހައްލަކީ ޕީޕީއެމް ވެރިކަމަށް އައުންކަމަށް ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ވަކިވަކި ފަރުދުން ހިމެނޭ ގޮތައް އެންމެންނަކީ ފުދުންތެރި ބަޔަކަށް ހަދާ ދިވެހި ގައުމު މުއްސަނދި ރާއްޖެއަކަށް ހައްދަވާނެ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން މިރޭވެސް ތަކުރާރު ކުރެއްވެވިއެވެ.
ޒުވާނުންނަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ ވަޒީފާއެއް ބޭނުންވާ އެތައް ޒުވާނުންނެއް އެބަތިބި ކަމަށާއި ނަމަވެސް އެޒުވާނުންނަށް ވަޒީފާ އެއް ހޯދައިދެވިފައި ނުވާކަމަށެވެ.
ވަކިބައެއްގެ ނަންވިދާޅުނުވެ ޔާމީން ވިދާޅުވީ "(ވަޒީފާ އުފެއްދުމުގެ) ފުރުސަތު ލިބުނީމާ އެ ފުރުސަތުގެ ބޭނުން ނުހިއްޕަވައި މިހާރު 3،000 ނުވަތަ 5،000 ވަޒީފާ އުފައްދާ ވާހަކަ އަޑު އެބަ އިވޭ. އޭރު އެ ފުރުސަތުގެ ބޭނުން ހިއްޕެވި ނަމަ އެއީ މިއަދު ދައްކަން ޖާގަ އޮތް ވާހަކައެއް ނޫން" ކަމަށެވެ.
ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގައި ކޮންމެ ލީޑަރަކު އަޔަސް އެލީޑަރެއްގެ ގާބިލްކަން ދައްކަން ޖެހޭނެ ކަމަށާއި ނޫން ނަމަ ދާނީ ފެއިލްވެގެން ކަމަށެވެ.
އެމްޑީޕީ ސަރުކާރު ފެއިލްވެގެން ދިޔައީ އޭރު ހުރި އިގްތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލު ނުހޯދުނީމާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ނުހޯދި ސިޔާސީ މީހުން ކަންކަމަށް އަޑު އުފުލައި ކުރެވޭ ގޯސްކަންތައްކުގެ ވާހަކަ ދެއްކީމާ ރައްޔިތުނާއި ސިޔާސީ ލީޑަރުން ހައްޔަރުކުރުމާއި އަދި އެމީހުންނާ ދޭތެރޭ ހުކުމްކުރަން ތިބި ފަނޑިޔާރުންނަށް އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައި ބިރު ދެއްކުމުގެ ތެރެއިން، އެބޭފުޅުންނަށް އެކަންކޮށް ނުދެއްވުނީމާ ފަނޑިޔާރުން ހައްޔަރުކޮށް ކޯޓުތަކުގައި ތަޅުއަޅުވައި މިކަހަލަ ހިތްދަތި އަދި ތަހުޒީބީ މުޖުތަމައެއްގައި ފެނިގެންނުވާނެ އެތައްކަމެއް ފެނިގެންދިޔައިމާ އާހިރުގައި އެމްޑީޕީގެ ވެރިކަމުގައި ނިމުގެ ސިއްކަ ޖެހިގެންދިޔައީ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ކުރެއްވެވި ކަންތައްތަކަށް އިތުރަށް އިޝާރާތްކުރައްވަވާ ޔާމީން ވިދާޅުވީ މިދިޔަ ދެ ތިން އަހަރެއްގައި އިސްލާމް ދީނަށް ވަރަށް އިހާނެތި ކަންތައްތަކެއް ވެގެން ދިޔަތަން ފެނިއްޖެ ކަމަށެވެ. އަދި މިހާރު ވެސް ބައެއް ސިޔާސީ ލީޑަރުންގެ ފަރާތުން އެކަން ފެންނަމުން އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެއީ އިސްލާމީ ދައުލަތެއްގައި ގަބޫލްކުރެވޭނެ ކަމަކަށް ނުވާތީ އަޅުގަނޑުމެން ބޭނުންވޭ ﷲގެ މަގުގައި އެކަލާނގެ ހިދާޔަތުގައި އަޅުގަނޑުމެން ތިބުމަށް އިތުރު ހިތްވަރަކާއެކީ މަސައްކަތްކުރަން" ރަމަޞާންމަހަށް އިޝާރާތްކުރައްވާ ޔާމީން ވީދަޅުވިއެވެ.
ޔާމިން ވަނީ ރަމަޞާން މަހުގެ ތަހުނިޔާ މިރޭ އެންމެހާ ބޭފުޅުން ރައްދުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ