އެމްއީއެސްސީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑިވައިން ބޯއީސް ހޯދައިފި

ހުވަދު އަތޮޅަށް ހުޅުވާލައިގެން ބޭއްވި ރަމަޟާން ކަޕް 1440ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޑިވައިން ބޯއީސް ހޯދައިފި އެވެ.
މިއުސިކް އެޑިފިކޭޝަން އެންޑް ސްޕޯޓްސް (އެމްއީއެސްސީ) އިން އިންތިޒާމުކޮށްގެން ދާންދޫގައި ކުރިއަށް ދިޔަ މިމުބާރާތުގެ ޗެމްޕިއަންކަން ޑިވައިން ބޯއީސް ހޯދީ ފައިނަލުގައި ކުލަބް ރެވެންޖާސްއާ ބަދަލުކޮށް ޕެނަލްޓީ ޖައިގެން 5-4 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ރެވެންޖާސްގެ އަހުމަދު ހަސަން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ކުލަބް ޒިޔޯންގެ އަހުސަން ސައީދު އާއި ކުލަބް ރެވަންޖާސްގެ ހުސެއިން ޝަރީފް އާއި ކުލަބް ރެވެންޖާސްގެ ޔޫނުސް އަންވަރު އާއި ޑިވައިން ޓީމުގެ ހުޒައިފަތު ރަޝީދު އަދި ޑިވައިން ޓީމޫގެ މުހައްމަދު މައުރޫފް އެވެ.
މިމުބާރާތުގެ އެންމެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ޔުނައިޓެޑް ޒިޔޯންގެ އަބާން ހޮވުނުއިރު، މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ކުލަބް ރެވެންޖާސްގެ އިސްމާއިލް ނަސީރު އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހޮޓް ސްޓެޕާސް އެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ޑިވައިން ބޯއީސް ޓީމުން ހޯދި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ކުޅުނު މިމުބާރާތުގެ ޗެމްޕިއަންކަން ޑިވައިން ބޯއީސް ޓީމުން ހޯދީ ވެސް ފައިނަލުގައި ކުލަބް ރެވެންޖާސްއާ ބައްދަލުކޮށް ޕެނަލްޓީޖައިގެން، ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޑިވައިން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމް ދިންއިރު، ރަނަރަޕް ރެވެންޖާސްއަށް ވަނީ 25000 ރުފިޔާގެ ފައިސާ އިނާމް ދީފައެވެ.
އަދި ފެއާ ޕްލޭ ޓީމަށް 10000 ރުފިޔާ ދިންއިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވުނު ކޮންމެ ކުޅުންތެރިއަކަށް ވެސް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މީގެ އިތުރުން ފެއާޕްލޭ ކުޅުންތެރިޔާއަށާއި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށްވެސް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
އެމްއީއެސްސީ އިން ބުނީ މިއީ މިމުބާރާތް މެދުކެނޑުމެއްނެތި ބޭއްވި 13 ވަނަ ފަހަރު ކަމަށާއި އަންނަ އަހަރުވެސް މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އަދި މިމުބާރާތް ބޭއްވުމުގެ މަގްސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކޮށް އާލާކޮށް، ޒުވާނުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދީ، މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް ކަމަށް ވެސް އެމްއީއެސްސީއިން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ