އުމުރުން ދުވަސްވީ މީހުންނަށް އިތުރު ފައިސާ ދޭން އެމްޑީޕީން ދެކޮޅު ހަދައިފި

އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް އިތުރުކުރުމަށް ޕެންޝަނުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހު ޕެންޝަން ޤާނޫނަށް ގެންނަން އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކޮޅު ހަދައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޖާބިރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އަދި ބިލްގައި އޮތް ގޮތައް އިނާޔަތް އިތުރު ކުރަން ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.
ބިލަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ ޖާބިރު ދައުލަތަށް ނުދައްކަވައި ހުރި ފައިސާ ދެއްކެވުމަށް ގޮވާލާފައެވެ. ޝަހީމް ވިދާޅުވީ ޖާބިރަކީ ދައުލަތަށް ގިނަ ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އޭނާ ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ ވީ އެންމެ އަވަހަކަށް ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ޝަހީމް ދެއްކެވި ވާހަކައަށް ތާއިދުކުރައްވާފައެވެ. ޝިއާން ވިދާޅުވީ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާސްއަކީ ދައުލަތަށް ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހޭ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ވެސް ނުދޭކަމަށެވެ. ޝިޔާން ވިދާޅުވީ ދައުލަތަށް އެހާ ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކައި ހުރި މީހުން ފައިސާ ދެއްކުމުން އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާގެ އަދަދު 15000 ރުފިޔާއަށްވެސް އިތުރުކުރެވިދާނެ ކަމަށެވެ.
ޖާބިރަށް ފާޑުވިދާޅުވީ އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ވެސް އޭނާގެ އަތުން ގިނަ ފައިސާ ދަރަންޏަށް ނަގާފައިވާ ފަރާތްތަކެއް ކަމަށާއި އެ ފައިސާ އަނބުރައި ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
ޖާބިރު ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މި ބިލަކީ ސަރުކާރުން ހުށަހަޅަން ޖެހޭ ބިލެއް ކަމަށާއި، ދައުލަތުގެ ބަޖެޓް ފާސްކުރުމަށް ފަހު އަހަރުގެ މެދުތެރެއިން މިފަދަ ބިލެއް ހުށަނޭޅޭނެ ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހު ވަގުތުން މަޖިލީހުން ބޭރު ކުރުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
"މިއީ ކުރެވޭނެ ކަމެއް ނޫން. މިއީ އެއްވެސް ގޮތަކަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ގަވާއިދު ލިޔާއިރު ވެސް މި ވާހަކަ ލިޔެފައި އޮންނާނެ. ލިޔާނަން. މި މަޖިލީހުން އިރާދަކުރެއްވިއްޔާ އެ ގަވާއިދު ފާސްވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މިހާ ބޮޑު އަދަދެއް ކުއްލިއަކަށް އިސްލާހެއްގެ ގޮތުގައި ޖަހާފައިވާއިރު އެފައިސާ ހޯދާނެ ގޮތެއް މެމްބަރުން ވިދާޅުވެފައި ނެތުމުން އިސްލާހަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މި އިސްލާހު ހުށައެޅީ ކޮން ކަހަލަ ދިރާސާއެއްގެ މައްޗަށް ބިނާކޮށްތޯ ސުވާލު ކުރައްވާފައެވެ. މިފަދަ އިސްލާހެއް ގެނައުމުން ސަރުކާރުން އެ ފައިސާ ހޯދާނީ ކޮން ގޮތަކުންތޯ އިލްޔާސް ސުވާލު ކުރެއްވިއެވެ. ޕެންޝަނަށް ދައުލަތަށް ލިބެނީ 90 މިލިއަން ރުފިޔާ ކަމަށާއި މިހާރު އޮތް ގޮތުން ވެސް މަހަކު 105 މިލިއަން ރުފިޔާ އިނާޔަތުގެ ގޮތުގައި ބޭރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ސްޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އެމްޑީޕީގެ މެންބަރުން ދެކޮޅު ހަދާނަމަ މިބިލް ފާސް ވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ