މެންބަރުން ބޭނުންފުޅުވާ ބޭފުޅަކާއި ޕީޕީއެމް ހަވާލު ކުރާނަން – ޔާމީން

ޕީޕީއެމްގެ ލީޑާޝިޕްގެ ފުރުސަތަކީ ތަބަބަކަށް ލާފައި ދޭ އެއްޗެއް ނޫން ކަމަށާއި ޕާޓީގެ ލީޑާޝިޕް ދޭނެ މެންބަރުން ކަނޑައަޅާނީ އާއްމު މެންބަރުން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ "ދަ ޕްރެސް" ނަމަކަށް ކިޔާ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައި ވަނިކޮށް ޔާމީން ވިދާޅުވީ ލީޑާޝިޕް ދޭނީ ކާކަށްތޯ ނިންމަނީ އެޕާޓީގެ މެންބަރުން ކަމަށާއި އެކަން ކުރަނީ އާންމު މެންބަރުންގެ ކޮންގްރެސް އިން ކަމަށެވެ.
"މި ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލައްވަން ބޭނުންވާ ބޭފުޅަކަށް އެ ފުރުސަތު އޮންނާނެ، އެ ބޭފުޅަކު ލީޑާޝިޕަށް ކުރިމަތިލައްވައި އެބޭފުޅުންގެ މަސައްކަތް ޕާޓީގައި ޝާމިލްކޮށް ދައްކަވަން ވީ" ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެންމެ ފަހި ފުރުސަތު ލިބެނީ ޕީޕީއެމް އަދި ޕީއެންސީން ކަމަށް ވާނަމަ، ޕީޕީއެމް، ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަންވީ ކަމަށެވެ.
ޖަމީލާއި އުމަރަށް އިޝާރާތް ކުރައްވާ، ނަމަވެސް އެއިން ބޭފުޅެއްގެ ނަން ވިދާޅުނުވެ ޔާމީން ވިދާޅުވީ، ކިރިޔާ އުނދަގުލެއް ވާއިރަށް، އޮޑިން ފުއްމާލައިފައި އަނެއްކާ ފަހި ވާއިރަށް އަރުމަކީ ކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށާ، ޕާޓީއަށް ވަދެ މަސައްކަތް ކުރަން ވީ ކަމަށެވެ. ލީޑާޝިޕަށް ކުރިމަތި ލަނީ ހަމައެކަނި ރައީސް ކަން ހޯދުމަށް ނޫން ކަމަށާއި، އެމަނިކުފާނު ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕާޓީގެ ރައީސްކަން ލިބިވަޑައިގެން ނޫން ކަމަށެވެ.
ޕީޕީއެމްއާއި ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ފާޅުކުރައްވާފައެވެ.
އުމަރު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގަންނަވާނީ ރައީސްކަން އޭނާއަށް ލިބިވަޑައިގަންނަވާ ނަމަ ކަމަށް ވިދާޅުވެފައެވެ. އުމަރު ބޭނުންފުޅު ވަނީ ޕީޕީއެމް އިން ކުއްލި ކޮންގްރެސްއަކަށް ގޮވާލުމަށެވެ. ޖަމީލް ވެސް ދާދި ފަހުން ވިދާޅުވެފައި ވަނީ މިސަރުކާރުން ކުރާ ނޭއްގާނީ ކަންތައްތަކުގެ ވާހަކަދެއްކޭނެ ޕްލެޓް ފޯމަކީ ޕީޕީއެމް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޕީޕީއެމް އިން އޭނާ ފެނިގެން ހިނގައިދާނެ ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕަށް ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުން ދާއިރު ޔާމީންގެ މައްޗަށް މިހާރު ވެސް މައްސަލައެއްގައި ދައުވާ ކުރެވި ޝަރީޢަތެއް ހިނގަމުން އެބަދެއެވެ. އަދި އެތައް މައްސަލައެއްގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރެވެމުން އެބަދެއެވެ. އެހެންކަމުން ޔާމީނާއި އެކު ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ