ދަތުރުފަތުރުން މަހަކު ފަސް މިލިއަން ރުފިޔާގެ ގެއްލުންވޭ: އެމްޓީސީސީ

އެމްޓީސީސީ އިން ފޯރުކޮށްދޭ ދަތުރުފަތުރުގެ ނިޒާމުން މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޓްރާސްޕޯޓް ޑިޕާޓްމެންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާޒިމް ވިދާޅުވީ، އެކުންފުނިން ދަތުރުފަތުރުގެ ނިޒާމްގެ ހިދުމަތް މިހާރު 169 ރަށަށް ފޯރުކޮށްދެމުންދާ ކަމަށާއި އެއަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހުޅުމާލެ އަށް ކުރަމުންދާ ދަތުރުތައް ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 80 ޕަސެންޓްގެ ވެއްޓުމެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ބްރިޖް ހުޅުވުމުގެ ކުރީގައި ފެރީތަކުގައި ދުވާލަކަށް 20،000 ހާސް ޕަސެންޖަރުން ދަތުރުކުރި ކަމަށެވެ. ނަމަވެސް ބްރިޖް ހުޅުވުމުން އެއަދަދު މިހާރު ވަނީ 4000 އާއި 5000އާ ދެމެދުގެ އަދަދަކަށް ދަށްވެފައި ކަމަށެވެ.
"އާންމުދަނީގެ ގޮތުން ބަލާނަމަ ފުދޭވަރަށް ބޮޑު ގެއްލުމެއްގައި މިހާރު އަޅުގަނޑުމެން އޮޕަރޭޓް ކުރަމުން މިދަނީ، ޓްރާންސްޕޯޓުން ބަލާނަމަ މަހެއްގެ މައްޗަށް ފަސް މިލިއަން ރުފިޔާގެ ގެއްލުމެއްގައި އަޅުގަނޑުމެން މިއުޅެނީ،" ނާޒިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫދާ ވިދާޅުވީ، އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޕަސެންޖަރުންގެ ގޮތުގައި ގާތްގަނޑަކަށް 15 މިލިއަން މީހުން ފްލީޓްގައި ދަތުރުފަތުރު ކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، އެންމެ ގިނައިން ފެރީގެ ހިދުމަތް ބޭނުން ކުރަނީ ވިލިނގިލި ދާއިރާ އަށް ކަމަށާއި އެދާއިރާއިން ގާތްގަނޑަކަށް 15،000 އާއި 16،000އާ ދެމެދުގެ ޕަސެންޖަރުން ދުވާލަކަށް ދަތުރުކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދަތުރުފަތުރު ތަކުގެ އާންމުދަނީއަށް މިދިޔަ އަހަރު 137 މިލިއަން ރުފިޔާ ލިބުނު ކަމަށާއި މިއަހަރުގެ މިހާތަނަށް 50 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އާންމުދަނީ ލިބެމުންދަނީ ޓާގެޓާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ހަރަދުތައް ހުރީ ތަންކޮޅެއް ބޮޑުކޮށް ކަމަށާއި އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ