ނައިބު ރައީސް ހުރާގެ ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވައިފި

ހުރާގެ ކައުންސިލް މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ހުރާ ކައުންސިލް މެމްބަރުން ވަނީ އެރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތަތަކުގެ އިތުރުން މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ އިތުރުން ރަށަށް ދިމާވެފައިހުރި ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކޮށްފައެވެ. އެގޮތުން ރަށުގެ ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަރަންޓުގެ މައްސަލަތަކުގެ އިތުރުން ބޭންކުގެ ހިދުމަތް ރަށުގައި ލިބެން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރަށުގެ އިޖުތިމާއީ އަދި ތަރައްގީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށާއި ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ ކަންކަން އަވަސްކުރުމަށް ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށް ގެންދެވުމަށް އެދެވަޑައިގެން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ހުރާ ކައުންސިލަށް ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ