އެހެން ރަށްތަކުން މާފުށި މިސާލަކަށް ބަލަންޖެހޭ: ނަޝީދު

ރާއްޖޭގެ އެހެން ރަށްތަކުން، މާފުށްޓަށް އައިސްފައިވާ ތަރައްގީ ބަލައި، އެރަށް މިސާލަކަށް ބަލައިގެން ތަރައްގީ ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ހަރަކާތްތަކަށް މާފުށްޓަށް ވަޑައިގެން ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފަށައިގަތުމުގެ ގޮތުން އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވި، ބަނދަރު ހެދިގެން ދިއުމީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ރަށުގެ ޒުވާނުން ރަށުގައި ތިބެގެން ކުރާ ވިޔާފާރިގެ ސަބަބުން ރަށަށް އެތައް ދިރުންތަކެއް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ތަރައްގީގެ ރޮނގުން މާފުށި ހޯދާފައިވާ ތަރައްގީ، އެ ބާރުމިނުގައި އެހެން ރަށަކަށް ހޯދިފައި ނުވާ ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރީގެ މަންފާ އެންމެ ބޮޑަށް ހޯދާ އެއް ރަށަކީ މާފުށިކަންވެސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ރަށްތައް ބަދަލުވަމުން މިއައި އައުމުގައި އެންމެ ރަނގަޅު މިސާލަކީ މި މާފުށި. އަޅުގަނޑު ކީ ފޮތަކުން ވޯލްޑްބޭންކުން މި މާފުށި މިސާލެއްގެ ގޮތުގައި ނަގާ އެހެން ގައުމުތަކަށް އެބަ ދައްކާ،" ނަޝީދު ވިދާޅުވިއެވެ.
މާފުށްޓާއި މާލެއާ ދެމެދު އޮންނަ ދަތުރުފަތުރުގެ ނިޒާމަށްވެސް ނަޝީދު ވަނީ ތައުރީފު ކުރައްވާފައެވެ. އެގޮތުން މާފުއްޓާއި މާލެއާ ދޭތެރޭގައި އަބަދުވެސް އުޅަނދުފަހަރު ދުއްވާ ކަމަށާއި، މިއީ ވެސް ރައްޔިތުންނަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ