ހދ.ނޮޅިވަރަމުން ގޯތި ދޫކުރުން ލަސްވަމުން ދާތީ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ރަށުގެ 200 އަށް ވުރެ ގިނަ ރައްޔިތުން ގެންދަނީ ކައުންސިލް އިދާރާ ކައިރީގައި އަޑުއުފުލަމުންނެވެ. ކައުންސިލް އިދާރާ ކައިރީގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާދެމުން ބުނީ ރައްޔިތުން މިއަދު އިހްތިޖާޖަށް ނިކުތީ ގޯތި ދޫކުރުމަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ލިބުނުތާ ހައެއްކަ މަސް ވެގެން ދިޔައިރު ވެސް ގޯތި ދޫކޮށްފައި ނުވާތީއެވެ.
"އަށް އަހަރު ވެގެން މިދިޔައީ މިރަށުން ގެވަޅު ދޫނުކޮށް. ކުރީ ސަރުކާރުން އޮތީ ގެވަޅު ދޫކުރުމުގެ ހުރިހާ ހުއްދައެއް ދީފައި. ރައްޔިތުން ވަނީ ގެވަޅަށް އެދި ފޯމް ވެސް ލާފައި. މިހާރު ހައެއްކަ މަސް ވެގެން މިދިޔައީ ކައުންސިލުން މިމަސައްކަތް ނުކޮށްގެން." އާއްމުންގެ މީހަކު ބުންޏެވެ.
2011 ވަނަ އަހަރުގެ ފަހުން ނޮޅިވަރަމުން ގޯތި ދޫކޮށްފައެއް ނުވެއެވެ. ޔާމީންގެ ސަރުކާރުގެ ފަހުކޮޅު 75 ގޯތި އެރަށުން ދޫކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުން ކައުންސިލުން އިއުލާންކޮށް ފޯމް ވެސް ބަލައިގަތެވެ. 75 ގޯއްޗަށް އެދި 400 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހެޅިއެވެ.
ނޮޅިވަރަމް ކައުންސިލުން ވިދާޅުވީ ގޯތި ދޫކުރުން ލަސްވަމުން ދަނީ އަތޮޅު ކައުންސިލްތަކުން ލިބެން ޖެހޭ މައުލޫމާތު ނުލިބިގެން ކަމަށެވެ. ނަމަވެސް މިއަދު އެމައުލޫމާތުތައް ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
ނޮޅިވަރަމް އަކީ ބިން ބޮޑު ރަށެއް ކަމުން 75 ގޯއްޗަށް ވުރެ އިތުރަށް އެރަށުން ގޯތި ދިނުމުގެ ހުއްދަ އަށް ކައުންސިލުން މިސަރުކާރުގައި އެދުނެވެ. ނަމަވެސް އެހުއްދަ ސަރުކާރުން ދީފައެއް ނުވެއެވެ.
ގޯތި ދޫކުރުން ލަސްވާތީ ނޮޅިވަރަމްގެ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ