ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 ކުން 7 ކަށް އިތުރުކުރާނީ

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ކުން 7 ކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާޙިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ބަންޑާރަ ނައިބު ވިދާޅުވީ ، ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރުމަށްޓަކައި ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގެ ތެރެއިން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ހާމަކޮށްފަ އެވެ. އެގޮތުން، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނައުމުގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލެއްވެސް އެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.
2008 ސެޕްޓެންބަރު 18 ގައި ސުޕްރީމްކޯޓް އުފެދުނުއިރު އެކޯޓްގެ ފަނޑިޔާރުންގެ އަދަދަކީ 7 ފަނޑިޔާރުންނެވެ. ނަމަވެސް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވައި، 11 ޑިސެންބަރު 2014 ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރައްވައި ހަމަ އެ ތާރީޚުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް 7 ފަނޑިޔާރުން ގެ ބެންޗަކުން 5 ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ