ރޫޓުގެ ފައިސާ ފޭރެން އުޅުނު މައްސަލާގައި ފަސް މީހަކަށް ދައުވާ އުފުލައިފި

ފުޅާ ދާއިރާއެއްގައި ދުންފަތުގެ ވިޔަފާރި ކުރަމުން އަންނަ ރޫޓު ފިހާރައިގެ ފައިސާތަކެއް ފޭރެން އުޅުނު މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށް، މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ރޫޓު ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު އެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20 އ) އާއި ގއ. ވިލިނގިލި/ ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23 އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22 އ) އާއި ލ. ގަން، ތުނޑި/ ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ. އެ އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
އޭގެފަހުން ހައްޔަރުކުރި ތިން މީހުންނަކީ ކ. މާލެ، ގ. ރޮބިންސް، މުހައްމަދު މާހީން މަދީހް (20 އ) އާއި ސ. ފޭދޫ/ ރަންކޮކާގެ، އަހްމަދު މާހިލް ސައީދު (21 އ) އާއި ރ. ރަސްމާދޫ/ އޯކިޑްމާގެ، މުހައްމަދު އަޒުމީން (30 އ) އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މީހުންގެ ތެރެއިން މިހާތަނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ފަސް މީހެއްގެ މައްސަލަ ކަމަށެވެ. އެއީ އަބްދުﷲ ރާޝިދު އާއި މުހައްމަދު މުސްއަބު ޒުބައިރާއި ހުސައިން އަބްދުލް މަޖީދާއި އަހްމަދު އަމީރުގެ އިތުރުން މުހައްމަދު އަޒްމީނެވެ.
މީގެ ތެރެއިން މުހައްމަދު އަޒްމީން ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. އަޒްމީންގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ