އެމްއެމްއޭއިން މިއަހަރު 521 މިލިއަން ޑޮލަރު ދޫކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރުގެ މިހާތަނަސް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށާއި އެންމެ ގިނަ އަދަދެއްގެ ޑޮލަރު ދޫކޮށްފައިވަނީ ކުންފުނިތަކަށް ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ޙާޒިރުކޮށްފަ އެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އެ ބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދާތީ އެކަމާއި ގުޅިގެން އެމްއެމްއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ ޑޮލަރުގެ ތާށިކަމަކީ އިޤްތިޞަދަށް އަންނަ ކޮންމެ ލޮޅުމެއްގައިވެސް ދިމާވާ މައްސަލައެއްކަމަށެވެ. އެކަން ޙައްލުކުރުމަށް އެމްއެމްއޭއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، ފޮރިންގ އެކްސްޗޭންޖު މާކެޓު އެމްއެމްއޭއިން މޮނިޓަރ ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މިހާތަނަށް އެމްއެމްއޭއިން ބެލި ބެލުމުން އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމަށް ނުދައްކާ ކަމަށެވެ.
މީގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާކަމަށް ޕްރޫވް ހޯދުން މިއީ ދަތިކަމެއް. އެކަމަށް ޕޮލިހާއެކު އިންވެސްޓިގޭޓްވެސް ކުރިން
- ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ޑެޕިއުޓި ގަވަރުނަރު އަޙްމަދު ޢިމާދު ވިދާޅުވީ ކޮވިޑް-19ގެ ޙަލަތާއި ގުޅިގެން އެމްއެމްއޭއިން އެންމެ އިސްކަންދެނީ ދައުލަތަށް ނުވަތަ ޤައުމަށް ބޭނުންވާ ޒަރޫރީ ކަންކަމށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށެވެ.
Articl Inline Image
އިމާދު ވިދާޅުވި ގޮތުގައި މިއަހަރު ވަނީ 2019 ވަނަ އަހަރު ޑޮލަރު ދޫކުރި މިންވަރަށްވުރެއް ގިނަ އަދަދަކަށް ޑޮލަރު ދޫކޮށްފަ އެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2019 ވަނަ އަހަރަށްވުރެ މާބޮޑަށްވެސް އަޅުގަނޑުމެން މުޅި މާކެޓަށް ޑޮލަރު އިންޖެސްޓްކޮށްފިން. ގަތްގަނޑަކަށް 521 މިލިއަން ޑޮލަރު އޯވަރޯލް މާކެޓް އިންޓަރވެންޝަން ގޮތުގައި އަޅުގަނޑުމެން އިތުރުކުރެވިއްޖެ. އޭގެތެރެއިން ބޮޑު ބައެއް ހިއްސާކޮށްފައި މިވަނީ އެސްއޯއީސްތަކަށް.
- ޑެޕިއުޓި ގަވަރުނަރު އަޙްމަދު ޢިމާދު
އިމާދު ވިދާޅުވީ ޑޮލަރު ޕޯރުކޮށްދިނުން އިތުރަށް ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަޕްލައި އިތުރު ކުރުމުގައި ސްޓްރަކްޗަރަލް އިޝޫސްތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން މި މާކެޓް ބައްޓަންވެގެން އައިއިރުގަ ދައުލަތަށް މިލިބެނީ ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 20 އިންސައްތަ ކަމަށާއި އަނެއް 80 އިންސައްތަ ފޮރިންގ އެކސްޗޭންޖު ސަޕްލައި އޮންނަނީ ފޮރިންގ ސެކްޓަރގެ އަތްމަތީގައި ކަމަށް އިމާދު ވިދާޅުވި އެވެ.
ވިޔަފާރި ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާއާއި ދިވެހި ރުފިޔާ ލިކުއިޑިޓީގެ ދަތިކަން ހައްލުކުރުމަށް ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާރވް ރިކުއަޔަރމަންޓް (އެމްއާރްއާރް)ގެ ޢަދަދުވެސް އެމްއެމްއޭއިން މިހާރު ވަނީ ދަށްކޮށްފަ އެވެ. އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި ކުރިން ހުރި %10 މިހާރު ވަނީ %7.5އަށް ދަށްކޮށްފަ އެވެ. އަދި ޖުލައިމަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް %7.5އިން %5އަށް ދަށްކޮށްފައިކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ