ބައިޑަން ހުވައިކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ސަލާމަތީކަންކަން ވަރުގަދަކުރަނީ

އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ ހުވައިކުރައްވާ ދުވަހާއި ދިމާކޮށް ހިންގާފާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ސްޓޭޓުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރަމުން އެބަދެއެވެ. އިންތިޚާބީ ރައީސް ބައިޑަން ރައީސްކަމުގެ ހުވައި ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާއެއްކަމަށްވާ އެފްބީއައިއިންވަނީ ހުވައިކުރާ ދުވަހާއި ދިމާކޮށް ހަތިޔާރާއިއެކު ބޮޑެތި އެއްވުންތައް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާކަމުގެ އިންޒާރު ސްޓޭޓުތަކުގެ ފުލުސް އިދާރާތަކަށް ދީފައެވެ. އެފްބީއައިން އެ އިންޒާރު ދީފައިވަނީ މީގެ ދިހަ ދުވަސްކުރިން އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންދާ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ވާގިވެރިވާ ބަޔަކު ވޮޝިންޓަންގައި ހުންނަ ޤަނޫނުހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތައް ވަދެގަނެ ހަމަނުޖެހުން އުފައްދައި ބޮޑެތި ގެއްލުންތައް ދީފައިވަނިކޮށެވެ.
މިޝިގަން ، ވަރޖިނިއާ، ވިސްކޮންސިން، ޕެންސިލްވީނިއާ އަދި ވޮޝިންޓަން ހިމެނޭ ގޮތަށް ބާރަ ވަރަކަށް ސްޓޭޓުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނޭޝަނަލް ގާޑުގެ އޮފިސަރުންވަނީ ނެރެފައެވެ. ވޮޝިންޓަންގައި ކެޕިޓޮލް އިމާރާތް ބަންދުކޮށް ގިނަ ޢަދަދެއްގެ ސިފައިންދަނީ މަގުތަކުގައި ޙަރަކާތްތެރިވަމުންނެވެ. ކަމާއިބެހޭ މާހިރުން ބުނީ ހަމަނުޖެހުންތައް ހިނގުމުގެ ފުރުޞަތު އެންމެ ބޮޑީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި ބޭއްވި އިންތިޚާބަށް އެންމެ މުހިންމުވި ވިސްކޮންސިން، މިޝިގަން، ޕެންސިލްވޭނިއާ އަދި އެރިޒޯނާގެ ވެރިކަންކުރާ ސިޓީތަކަށްކަމަށެވެ.
އެފްބީއައިއާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން މި ހަފުތާގެ ކުރީކޮޅުގައި އިދާރާތަކަށް ފޮނުވި މެމޯއެއްގައިވަނީ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައި ކެޕިޓޮލް އިމާރާތުގައި ހިނގި ހާދިޘާއަކީ ކާމިޔާބީއެއްކަމަށް ދެކޭ ބައެއް ފަރާތްތަކުން ބައިޑަންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ދިމާކޮށް އިތުރު ހަމަނުޖެހުންތައް ހިންގުމަކީ ވެދާނެކަމެއްކަމަށް ބުނެފައެވެ. އަދި އިންތިޚާބުގެ ނަތީޖާއާއިގުޅޭގޮތުން ކުރަމުންދާ ހަޤީޤަތެއް ނެތް ތުހުމަތުތަކަކީ ހަމަނުޖެހުން އުފައްދާ ފަރާތްތަކަށް ލިބޭ ހިތްވަރަކަށްވާނެކަމަށް އެ މެމޯގައިވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ