މިމަހު 21 ގައި ލަންކާ އެއާޕޯޓު ހުޅުވަނީ

ކޮވިޑް-19 ގެ ސަބަބުން އަވައްޓެރި ސްރީލަންކާގެ އެއާޕޯޓު ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު އެއާޕޯޓު ހުޅުވަން ނިންމައިފި އެވެ.
އެއާޕޯޓު ހުޅުވާއިރު ވަކި ގައުމެއްގެ މީހަކަށް ދަތުރު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅާފައެއް ނުވެ އެވެ. އަދި ކަރަންޓީނު ވާހަކަށްވެސް ނުޖެހެ އެވެ. އެހެންނަމަވެސް ދަތުރު ކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންތައްތަކެއް ވަނީ އެގައުމުން ކަނޑައަޅައިފަ އެވެ.
ކޮންމެ ގައުމަކުން މީހަކު ދިޔަނަމަވެސް ލަންކާއަށް އެތެރެވުމަށް ވިސާ ބޭނުން ވެއެވެ. އެގޮތުން ވިސާ ފޯމު ފުރުމުގެ ކަންކަން ކުރަން ޖެހެނީ އޮންލައި މެދުވެރިކޮށެވެ. މިކަމަށްޓަކައި "އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން" ޕޯޓަލް އެއް ވަނީ ގާއިމް ކޮށްފަ އެވެ.
މީގެ އިތުރުން ދަތުރު ފެށުމުގެ ކުރިން ލަންކާއަށް ގޮސް ހުންނާނެ ހޮޓަލެއް ބުކް ކުރަން ޖެހެ އެވެ. އަދި ހޮޓެލް ބުކް ކުރާއިރު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމުގެ ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހެ އެވެ. ލަންކާއަށް ގޮސް ތިބުމަށް ބުކް ކުރާ ހޮޓެލް ވާން ޖެހެނީ ލަންކާގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ހޮޓަލަކަށެވެ.
ކޮވިޑް-19 ގެ ހާލަތުގައި ލަންކާއަށް ގޮސް ހޮޓަލަށް އިތުރު ފީއެއް ނަގަން ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮވިޑް އިންޝުއަރެންސްގެ ގޮތުގައި ނަގާ 12 ޑޮލަރުގެ ފީ އެކެވެ.
ލަންކާއަށް ގޮސް ހުންނަ ފުރަތަމަ 14 ދުވަހު ޕަބްލިކް ޓްރާންސްޕޯޓު އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެވޭނެ އެވެ. ސިއްހީ އިދާރާތަކުން އެދެނީ އެ މުއްދަތަށް ފަހުވެސް ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރުމަށެވެ.
ލަންކާ އެއާޕޯޓު ހުޅުވާއިރު ކޮރޯނާ ވައިރަސްގެ އާ ވޭރިއެންޓެއް ފެތުރެމުންދާ އިނގިރޭސިވިލާތުންވެސް މީހުން ޒިޔާރާތް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެހެންނަމަވެސް އެގައުމުން ލަންކާއަށް ދާ މީހުންނަށް ވަނީ ވަކި އުސޫލުތަކެއް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ