"މައިދާން" އަދި "އާރް.އާރް.އާރް" ރިލީޒްކުރާ ދުވަސް ބޮޑު ބަހުސަކަށް

މީގެ ހަމަސްކުރިން ރިލީޒްކުރާނެ ދުވަސް އިއުލާނުކޮށްފައިވާ ބޮނީ ކަޕޫރުގެ "މައިދާން" އާ އެއްދުވަހެއްގައި ޑައިރެކްޓަރު ރާޖާ މޮލީގެ "އާރް.އާރް.އާރް" ރިލީޒްކުރުމަށް އިއުލާނުކުރުން މިމައްސަލަ ބޮޑު ބަހުސަކަށް ވެއްޖެއެވެ.
މިދެ ފިލްމުވެސް ރިލީޒްކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 13 ވަނަ ދުވަހެވެ.
ނިއު ނޯމަލްގެ ގަވައިދުތަކާއެކު އިންޑިއާގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ ލިބުމާގުޅިގެން މަޑުމަޑުން ތިއޭޓަރ ވިޔަފާރިއަށް ލިބިފައިވާ ގެއްލުން ފޫބެއްދުމުގެ މަސައްކަތް ފިލްމް އިންޑަސްޓްރީން ދަނީ ކުރަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި މަސްލަހަތު ގެއްލޭގޮތަށް ތެލުގޫ ފިލްމު ޑައިރެކްޓަރު ރާޖާ މޮލީ އޭނާގެ ފިލްމު ނެރޭނެ ދުވަސް އިއުލާނުކުރުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއްގެގޮތުގައި ޕްރޮޑިއުސަރު ބޮނީ ކަޕޫރުވަނީ ސިފަކޮށްފައެވެ.
ބޮނީ ކަޕޫރުގެ ފިލްމު "މައިދާން" ނެރޭނެ ތާރީޚެއްގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަސް ހަމަޖައްސައި އިއުލާނު ކޮށްފައިވާކަން ޑައިރެކްޓަރު ރާޖާ މޮލީގެ އިތުރުން ފިލްމު "އާރް.އާރް.އާރް" ގެ ޕްރޮޑަކްޝަން ޓީމަށްވެސް އެނގޭނެ ކަމަށް ބޮނީ ކަޕޫރުވަނީ އިންޑިއާގެ ނޫސްތަކުން މިކަމާގުޅިގެން ސުވާލުކުރުމުން ބުނެފައެވެ.
ބޮނީ ކަޕޫރުގެ އިތުރުން ފިލްމު ޕްރޮޑަކްޝަންގެ އެއްވެސް ފަރާތަކާ މަޝްވަރާނުކޮށް ރާޖާ މޮލީގެ ފިލްމު ނެރޭނޭ ދުވަސް އިއުލާނުކުރުމުން ގިނަ ބަޔަކުވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މިމައްސަލައިގައި އެންމެބޮޑު ނުތަނަވަސްކަމެއް ލިބިފައިވަނީ ދެފިލްމުގެވެސް މެއިން ކާސްޓިންގެތެރޭ ހިމެނޭ އެކްޓަރ އަޖޭ ދޭވްގަންއަށެވެ.
މިމައްސަލައާ ގުޅިގެން އޭނާހުރީ ދާނެ ވަކިކޮޅެއް ނުވަތަ ބުރަވާނެ ވަކިކޮޅެއް ނިންމާނެގޮތެއް ނޭނގިފައެވެ.
ބޮނީ ކަޕޫރުގެ ގާތްފަރާތަކުން ތުހުމަތު ކުރާގޮތުގައި އޭނާގެ ފިލްމު "މައިދާން" ނެރޭނެ ތާރީޚު މީގެ ހަމަސްދުވަސް ކުރިން އިއުލާނު ކުރިއިރުވެސް އެތާރީޚު އަޖޭއަށްވެސް އެނގޭނެއެވެ.
އަޖޭވަނީ "އާރް.އާރް.އާރް" ގެ ޑައިރެކްޓަރު ގާތުވެސް އޭނާގެ މިފިލްމު ނެރޭނޭ ތާރީޚު އިއުލާނުކުރުމުގެ ކުރިން ބޮނީއާއެކު މަޝްވަރާ ކުރުމަށް ބުނެފައެވެ.
ގިނަ ބަޔަކު މިވަގުތު ތިބީ މިމައްސަލަ ހައްލުވެ ދެފިލްމު ނެރޭނެ ތާރީޚަށް ބަދަލެއް ގެނެސްގެން ނަމަވެސް ފިލްމު އިންޑަސްޓްރީތެރޭ މިހިނގާ ހަމަނުޖެހުން ހައްލުވާނެކަމުގެ އުއްމީދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ