ބޭސްފަރުވާއަށްވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި: އަދުރޭ

ބޭސްފަރުވާއަށް ނަމަވެސް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ އަރިހުން އެދިވަޑައިގަތުމުން، ރާއްޖެ ދޫކުރައްވައި ނުފިއްލަވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން، ވަގުތީ ގޮތުން އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީނާ ޖަލުން ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތް ކަމުގައެވެ. އަދި އެ ފުރުޞަތުގައި ރައީސް ޔާމީން ސުވާލުކުރެއްވީ ޤައުމުގެ ޙާލަތާ ގުޅޭ ގޮތުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދެންނެވުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވީ ރާއްޖޭގެ އިސްލާމީ ވަޙުދަތާއި ޤައުމުގެ މިނިވަންކަން އޮތް ޙާލަތާ ގުޅިގެން ކަމުގައެވެ. އަދި ރާއްޖޭގެ އިޤުތިޞާދު މިހާރު އޮތް ޙާލަތާމެދުގައި ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އިސްލާމްދީނާ ޚިލާފު ކަންކަމަށް ޖާގަ ހޯދުމަށް ބޭރުގެ ޤައުމުތަކުން ފިއްތުންތައް ކުރިމަތިކުރި ކަމުގައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޖާގަނުދެއްވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވުމުން ރާއްޖެއިން ބާނާ މަސް ގަންނަ އަގު އުފުލި ކަމުގައި ވިދާޅުވިއެވެ. އަދި އެއާއެކު ރައީސް ޔާމީން މަސައްކަތްކުރެއްވީ މަސް ބޭރުކުރާނެ އެހެން ގޮތެއް ހޯއްދަވަން ކަމުގައި ފާހަގަކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ