މުޒާހަރާގައި ކޮންކްރީޓް ބެރިކޭޑް ބެހެއްޓުމުން ވެސް ހުރަހަކަށް ނުވި

ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިން ކޮންމެ ރެއަކު ފުލުހުންގެ ބެރިކޭޑްތައް އެއްފަރާތްކޮށް ބެރިކޭޑްތައް ނަގަމުން ދަނިކޮށް ބުދަ ދުވަހުގެ ރޭ ކޮންކްރީޓް ބެރިކޭޑްތަކެއް ބެހެއްޓުމުން ވެސް އެއްފަރާތަކަށް ލައިފި އެވެ.
މުޒާހަރާ ފެށިއިރު، ޗާންދަނީ މަގާއި މެދުޒިޔާރަތް މަގު ގުޅޭ ކަންމަތީގައި ކޮންކްރީޓް ހަތަރު ބެރިކޭޑް ބަހައްޓައި، މަގު ބަންދުކޮށްފައި އޮތް އިރު ޕްލާސްޓިކް ބެރިކޭޑްތައް މަގުގެ އެއް ފަރާތުގައި ބަހައްޓާފައި ހުއްޓެވެ.
މުޒާހަރާކުރާ މީހުން ޖަމާވި އިރު ކޮންކްރީޓް ބެރިކޭޑްތައް ފެނުމާއެކު، މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ނިސްބަތްކޮށް އެއްޗެހި ގޮވަން ފެށި އެވެ.
"ކޮންކްރީޓް ސަރުކާރުން މިރޭ މިހިރީ ކޮންކްރީޓް ޖަހާފައި. ކޮންމެ އުނދަގުލެއް ކުރިއަސް އިންތިހާބު އަވަސްކުރުމަށް ގޮވާލުން ހުއްޓައެއް ނުލާނަން. މި އެއްޗެހި ނަގާ، ނޫނީ އަހަރެމެންނަށް ނެގޭނެކަން އަންގާލާނަން،" މުޒާހަރާގައި ހުރި ޒުވާން ފިރިހެނަކު ފުލުހުންނަށް އިންޒާރު ދިނެވެ.
ކޮންކްރީޓް ބެރިކޭޑް ޖަހާފައި ހުރުމުން އެއީ "މާވަހަރު" ހޭ ބުނެ ފުލުހުންނާ ދިމާލަށް އަޑުގަދަކޮށް ވެސް ހެދި އެވެ. އިންތިހާބު އަވަސްކުރުމަށް ގޮވާލުމަށް ވުރެ ބައިވެރިންގެ ޝައުގުވެރިކަން ކޮންކްރީޓް ބެރިކޭޑަށް އަމާޒުވެގެން ދިޔަ ވަގުތުކޮޅެއް ވެސް އައި ކަމަށް ވެސް ބެލެވުނެވެ. އެގޮތުން ބެރިކޭޑްތަކާ މާވަހަރާ އަޅައި ކިޔައި އެއްޗެހި ގޮވަމުން ދިޔަ އެވެ.
އޭގެ ފަހުން ދެން ފެނިގެން ދިޔައީ އޭގެތެރެއިން ބެރިކޭޑެއްގައި ވަލެއް އެއްސިތަނެވެ. ވާ އެއްސުމަށް ފަހު ބައިވެރިންގެ ތެރެއިން ފިރިހެނުންތަކެއް ވަލުގައި ހިފައި ދަމަމުން ބެރިކޭޑް އެ މީހުންގެ ތެރެއަށް ގެންދިޔަ އެވެ. ހަތަރު ބެރިކޭޑްގެ ތެރެއިން މެދުގައި ހުރި ދެ ބެރިކޭޑް ގެންދިއުމަށް ފަހު "ސަރުކާރު ވައްޓާލުމުގެ ދޮރު ހުޅުވުނީ" ކަމަށް ބުނެ ބައިވެރިން އުފާފާޅުކުރި އެވެ.
ބުދަ ދުވަހުގެ ރޭގެ މުޒާހަރާގައި ވެސް ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. އުސް ފަސްގަނޑުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލައި ނަޝީދާއެކު އެ ޕާޓީގެ އިސް މެމްބަރުން ހިމެނޭގޮތަށް، މުޒާހަރާ ފެށީ 00: 10ގެ ފަހުންނެވެ. ބައިވެރިންނާ އެކު މުޒާހަރާގެ އެންމެ ކުރީ ސަފުގައި އިރުކޮޅަކު ހުންނެވުމަށް ފަހު ނަޝީދު ވަނީ އެނބުރި ވަޑައިގެންފަ އެވެ.
އެހެން ރޭރޭ ވެސް ފުލުހުން އަންގާ ގޮތަށް، ދަންވަރު 00: 12ގެ ފަހުން ލައުޑް ސްޕީކަރު ބޭނުން ނުކުރުމަށާއި އާންމުންނަށް އުނދަގޫވާ ގޮތަށް ކަންތައް ނުކުރުމަށް ފުލުހުން އެދުނެވެ. އެކަމަކު 00: 12ގެ ފަހުން ވެސް ފުލުހުން ރޫޅައެއް ނުލަ އެވެ. ނަމަވެސް ބެރިކޭޑް ގެންދިޔަ މީހުން ހައްޔަރުކުރަން އެސްއޯ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަންނަން ފެށުމާ އެކު އެ ސަރަހައްދު ދޫކޮށް ގިނަ ބަޔަކު ދާން ފެށި އެވެ. އޭގެ ފަހުން މުޒާހަރާ ބައިބައިވެ، އެކި މީހުން އެކި ސަރަހައްދުތަކަށް ބެހިގެން ގޮސް މުޒާހަރާ ނިމުމަކަށް އައީ 00: 2 އެހާއިރު އެވެ.
މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގަލާއި ބިސް ފަދަ ތަކެތި ވެސް އުކި އެވެ. ނަމަވެސް އެއްވެސް ފުލުހަކަށް އަދި މުޒާހަރާގެ ބައިވެރިއަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ރޭގެ މުޒާހަރާގައި ވެސް ބެރިކޭޑްތައް ގެންގޮސް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތަށް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ